ހ.ހަޒާރުމާގެ
ހ.ހަޒާރުމާގެ
"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން އެ ނޫހުގެ އޮފީސް ބަލައި ފާސްކުރުމަށް ދިޔަ ފުލުހުންނަށް އޮޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގެ ގެއަށް ވަދެފައިވާކަން ހާމަވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ، އޭނާ ގޭގެ ބޭރުގައި ރަހުމަތްތެރިންނާއެކު ވާހަކަދައްކަން ހުންނަވަނިކޮށް، ގިނަ އަދަދެއްގެ ފުލުހުން އައިސް ގޭގެ ދޮރު ހުޅުވައިދިނުމަށް އެދުނު ކަމަށެވެ.

ފުލުހުން ގޭތެރެއަށް ވަދެ، އެ ގޭގެ އަށްވަނަ ފްލޯއަށް ދާން މަސައްކަތް ކުރުމުން، އެއީ ކޮން ބޭނުމަކު ކުރާ ކަމެއްތޯ ސުވާލުކުރެއްވި ކަމަށް މޫސަ ވިދާޅުވިއެވެ.

ފުލުހުން އެއީ "ހަޒާރުމާގެ" (އަދަދު ނޫހުގެ އޮފީސް ހުންނަ ގެ) ތޯ ސުވާލުކުރުމުން، މޫސަ ވަނީ އެއީ އޭނާގެ އަމިއްލަ ގެ ކަމަށްވާ "ގުލްހަޒާރުގެ" ކަމަށާއި، "ހަޒާރުމާގެ" ހުންނާނީ އެހެން ހިސާބެއްގައި ކަން ފުލުހުންނަށް ސާފުކޮށްދީފައެވެ. މި އޮޅުން އެރުމަށްފަހު ފުލުހުން ވަނީ އެ ގެއިން ނުކުމެގެން ގޮސްފައެވެ.

އަދަދު ނޫހުން ނެރުނު އައިޝާ ޑޮކުމެންޓްރީ އާގުޅިގެން ފުލުހުން ވަނީ "އަދަދު" ނޫހުގެ އޮފީހަށް ވަދެ، ތަހުގީގަށް ބޭނުންވާ އެތަނުގެ ބައެއް ތަކެއްޗާއި މުދާ ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން އެ ނޫހުގެ ސީއީއޯ ފިޔާޒް އާއި އެޑިޓަރ ހަސަންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ.

މި އޮޕަރޭޝަނާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް، އެ މައްސަލަ މަޖިލީހުގެ ސުޕަމެޖޯރިޓީ ޕީއެންސީ މެމްބަރުންވަނީ ބަލައިނުގެން ބޭރުކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު