ސްރީލަންކާގެ ބުދުދީނުގެ 22 ފާދިރީއަކު ތައިލެންޑަށް ކުރި ދަތުރަކަށްފަހު އެނބުރި ގައުމަށް އައިރު، 109 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި އެގައުމުގެ ބައިނަލްއަގުވާމީ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މި މީހުން ތައިލެންޑަށް ކުރި ދަތުރަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށްޓަކައި ދެއްކި ބަހަނާއެކެވެ.

ސްރީލަންކާގެ މި ފާދިރީން ހޮނިހިރު ދުވަހު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އައީ ސްކޫލް ސާމާނާއި ފޮނިކާތަކެތި ހިފައިގެންނެވެ. ނަމަވެސް، އެ ތަކެތީގެ ތެރޭގައި ސިއްރުން ގާތްގަނޑަކަށް 109 ކިލޯގެ ކެނެބިސް ފޮރުވާފައި ހުއްޓެވެ. މިއީ އެ އެއާޕޯޓުން މިހާތަނަށް އަތުލައިގަތް މަސްތުވާތަކެތީގެ އެންމެ ބޮޑު އެއް ޝިޕްމަންޓް ކަމަށް އިދާރާތަކުން މައުލޫމާތު ދެއެވެ.

ތައިލެންޑުން އެނބުރި އައި މި 22 މީހުން ހައްޔަރުކުރީ ކެނެބިސް އެތެރެ ކުރުމުގެ ކުށުގައިކަން ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ. މި ތަކެތި ފޮރުވާފައި ހުރީ އެމީހުންގެ ފޮށިތަކުގެ އަޑީގައި، ވަރަށް ހުޝިޔާރުކަމާއެކު ބަންދުކޮށްފައެވެ.

ކޮންމެ މީހެއްގެ ފޮށީގައި ގާތްގަނޑަކަށް 5 ކިލޯގެ މަސްތުވާތަކެތި ހުރި އިރު، ސްރީލަންކާގެ ސަރުކާރު ނޫހެއް ކަމަށްވާ 'ޑެއިލީ ނިއުސް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަތުލައިގަނެވުނު މި ތަކެތީގެ އަގު ގާތްގަނޑަކަށް 3.45 މިލިއަން ޑޮލަރަށް އަރައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ގިނައީ 20 އަހަރުގެ ޒުވާނުންނެވެ. އެމީހުން ތައިލެންޑަށް ފުރީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި، މި ދަތުރުގެ ފްލައިޓް ޓިކެޓާއި ހުރުމުގެ ހުރިހާ ޚަރަދެއް ދީފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނަން ހާމަނުކުރާ ވިޔަފާރިވެރިއެއް ކަމަށް ޤަބޫލުކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު