އެޑިޓަރު ހަސަން މުހައްމަދު
އެޑިޓަރު ހަސަން މުހައްމަދު
"އަދަދު" ނޫހުން ނެރުނު ޑޮކިއުމެންޓްރީއާ ގުޅިގެން ސަރުކާރުގެ އެދުމުގެ މަތިން ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގުގައި، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ފަސް ކުށެއްގެ ތުހުމަތު އުފުލައިފިއެވެ.

މި ތަހުގީގަށް ސުވާލުކުރުމަށް މިއަދު ހެނދުނު ހަސަން މުޙައްމަދު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު، އޭނާ ވަނީ ގާނޫނުއަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގު ބޭނުންކޮށް، ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ހަސަންގެ ގާނޫނީ ވަކީލު ސައްޔާހު ޚަލީލު ވިދާޅުވި ގޮތުގައި، މަސްދަރު ހާމަނުކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގަކަށް ވާތީ، ހަސަން ނިންމެވީ އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ހަނުހުރުމަށެވެ.

ފުލުހުން ހަސަންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ގާނޫނުލްއުގޫބާތުގެ ދަށުން ބައިވެރިވުމުގެ ޒިންމާގެ ކުށާއި، ގަޛްފުގެ ކުށުގެ އިތުރުން، ކުށެއް ކުރުމަށް އެދުމާއި ރޭވުމުގެ ތުހުމަތު ހިމެނެއެވެ.

މި މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާކޮށްފައިވާއިރު، މިއަދު މެންދުރުފަހު "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވެސް ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ފުރަބަންދުކޮށް ޕާސްޕޯޓު ހިފަހައްޓާފައިވާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުގެ ޗިޓު ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު