މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގާއިމްކުރާ "ސްޓްރެޓީޖިކް އޮއިލް ރިޒާވް" އަށް މާލެ ސަރަޙައްދުން ދެ ފަޅެއް ބަލަމުންދާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މި މަޝްރޫޢަކީ މާލީ ވުޒާރާއާއި އިޤްތިޞާދީ ވުޒާރާ އަދި އެސްޓީއޯ ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ވަޒީރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ރިޒާވް ގާއިމްކުރާނެ ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އަންނަ ހަފުތާގެ ތެރޭގައި އެ ސަރަހައްދުތަކުގެ ސާވޭތައް ފެށޭނެއެވެ.

މީގެ އިތުރުން، ޑިޒައިން ކުރުމާއި، ފައިސާ ހޯދާނެ ގޮތްތަކާއި، ފީސިބިލިޓީ ހިމެނޭހެން ފައިނަލް ޕްލޭނެއް ތައްޔާރުކޮށް، ވަރަށް އަވަހަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ އެއް އަހަރު ދުވަހަށް ބޭނުންވާ ވަރަށް ތެޔޮ ރައްކާކުރެވޭނެ ނިޒާމެއް ގާއިމްކުރުމެވެ. ފަސް އަހަރުގެ ދިގު މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނިންމާލުމަށް ވަނީ ރާވާފައެވެ.

ވަޒީރު ވިދާޅުވީ، މި ރިޒާވްގައި ހުންނަ ތެލުގެ ބައެއް ރާއްޖޭގެ ބޭނުންތަކަށް ބެހެއްޓުމަށްފަހު، ބާކީ ހުންނަ ޖާގަ ބައިނަލްއަގުވާމީ ކުންފުނިތަކަށް ކުއްޔަށް ދޫކުރުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.

ރާއްޖެއަށް މިހާރު ބޭނުންވާ ތެޔޮ ރައްކާކުރަމުންދަނީ ފުނަދޫގައި ހުންނަ ޓާމިނަލްގައެވެ.

އެތަނުގެ ކެޕޭސިޓީއަކީ 291،000 ފީފާގެ ޑީސަލާއި 59،000 ފީފާގެ ޕެޓްރޯލެވެ. ނަމަވެސް ދުނިޔޭގެ މަސްރަޙަށް އަންނަ ކުއްލި ލޮޅުންތަކުގެ ސަބަބުން ތެޔޮ ލިބުމަށް ދަތިވެ، އަގު އުފުލެމުންދާތީ، މިފަދަ ބޮޑު ރިޒާވްއެއް ގާއިމްކުރުމަކީ ރާއްޖޭގެ އިގްތިސާދީ ދެމެހެއްޓެނިވިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު