މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަން ހުރި ކޮންމެ ދިވެހި ރައްޔިތަކު ޢަމަލީ މަސައްކަތުގެ މައިދާނަށް ނިކުތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ގޮވާލައްވައިފިއެވެ.

ރައީސް މުޢިއްޒު މިކަމަށް ގޮވާލެއްވީ ބައިނަލްއަޤުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޚިޠާބުގައި ވިދާޅުވީ، ދިވެހިރާއްޖޭގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީމަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، ޢަދުލުވެރި ސިޔާސަތެއް ކަމަށެވެ. އެގޮތުން، ސްކޫލް ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮށް، ޤައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފައްޓަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީ އާއި ލުއިލޯނު ދިނުންއިތުރުކޮށްފައިވާ ކަމަށާއި، ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ޖާގަ ހޯދައިދިނުމަށް ބޮޑެތި އީ-ކޮމަރސް މަންސަތަކާއެކު ފެއްޓެވި މަސައްކަތުގެ މޭވާ މިހާރު ލިބެންފަށާފައިވާކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ބިދޭސީ މަސައްކަތްތެރީންގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ފަދަ ހަރުދަނާ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައިވާ ކަމަށެވެ. އަދި ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި، އެކަން މިހާރު ތަންފީޒުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.އަދި ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ޢުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާއަދާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ސަރުކާރަކީ، އެންމެ ގިނަ މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް، އެފަރާތްތަކުގެ ކަންބޮޑުވުން އެންމެ ގިނައިން އަޑުއެހި ސަރުކާރަށް ވާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، އެކި ފަންތީގެ މަސައްކަތްތެރީންނަށް އެތައް އަހަރެއް ވަންދެން ޙައްލު ނުލިބި ހުރި މައްސަލަތަކަށް މިހާރު ވަނީ ޙައްލު ހޯއްދަވައިދެއްވާފައެވެ.

ކާބަފަައިންގެ މަސައްކަތްތެރިކަމުގެ ނަމޫނާއަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، އުފެއްދުންތެރި، މަސައްކަތްތެރި، ވަރުގަދަ އިޤްތިޞާދެއްގެ ވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް މުހިންމު ކަމެއް ކަމަށެވެ.

ޚިޠާބު ނިންމަވާލައްވަމުން ރައީސް ވަނީ ވަޒީފާ އާއި މަސައްކަތުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމަށާއި، މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ދިވެއްސަކު ޢަމަލީ މައިދާނަށް ނިކުތުމަށް އިލްތިމާސްކުރައްވާފައެވެ.

މަސައްކަތްތެރިންގެ ދުވަސް ނުވަތަ އިންޓަރނޭޝަނަލް ވޯކާރސް ޑޭ ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 1 ވަނަ ދުވަހުއެވެ. މި ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ މީހުން ކުރާ ބުރަ މަސައްކަތާއި، މުޖުތަމައުއަށް އެމީހުންގެ ފަރާތުން ލިބޭ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެމީހުންގެ ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރާ ދުވަހެކެވެ.



ކިޔުންތެރިންގެ ހިޔާލު