ދިރިއުޅުމުގެ ބުރަ މަސައްކަތްތަކުގެ ސަބަބުން ވަރުބަލިވެ، މާޔޫސްވާ ފަހަރުތައް އާދޭ
ދިރިއުޅުމުގެ ބުރަ މަސައްކަތްތަކުގެ ސަބަބުން ވަރުބަލިވެ، މާޔޫސްވާ ފަހަރުތައް އާދޭ
ކަންނެތްކަމުން އަރައިގަންނާނީ ކިހިނެއް؟

ކޮންމެ މީހަކަށްވެސް ބައެއް ދުވަސްދުވަހު އަރާމުކޮށްލަން ބޭނުންވެއެވެ. ދިރިއުޅުމުގެ ބުރަ މަސައްކަތްތަކުގެ ސަބަބުން ވަރުބަލިވެ، މާޔޫސްވާ ފަހަރުތައް އާދެއެވެ. އެހެންކަމުން، މަސައްކަތްތަކުން ބްރޭކެއް ނަގައި ހަމަޖެހިލުމަކީ ބައެއް މީހުންނަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ.

ނަމަވެސް، ބައެއް މީހުން އެއްވެސް ސަބަބަކާ ނުލައި، ހަމައެކަނި ފޫހިކަމެއް ނުވަތަ "މޫޑު ނެތުމުގެ" ސަބަބުން ގަޑިއިރުތަކެއް ނުވަތަ ދުވަސްތަކެއް ވަންދެން ކަންކަން ފަސްކުރެއެވެ. ތިބާއީ ނިންމަންޖެހޭ ކަންކަން ނިންމުމުގައި އަބަދުވެސް ލަސްކުރާ މީހެއް ހެއްޔެވެ؟

ވަޒީފާގެ މާހައުލުގައި ޝައުގުވެރިކަން ކުޑަވެފައިވާކަން އިހުސާސް ކުރެވޭ ހެއްޔެވެ؟ އަސާސީ ކަންކަން ފުރިހަމަކުރުމަށްވެސް އުނދަގޫވޭ ހެއްޔެވެ؟ އަބަދު ވަރުބަލިވެ، ކަންނެތްވެ، އަދި އެއްވެސް ކަމެއް ކުރުމުގެ ރޫހެއް ނެތްކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟ ތިބާގެ ހަށިގަނޑާއި ސިކުނޑިއަށް ވަމުންދާ ގޮތް އިތުރަށް ދެނެގަތުމަށް ތިރީގައިވާ ބައިތައް ކިޔުއްވާލައްވާށެވެ.

ކަންނެތްކަމަކީ ކޮބައި؟

ކަންނެތްކަމަށް ކަނޑައެޅިފައިވާ ވަކި ޚާއްޞަ މާނައެއް ނެތެވެ. ނަފްސާނީ އިލްމުވެރިންނާއި ޑޮކްޓަރުންނަށް މިއީ ބައްޔެއްގެ ގޮތުގައި ދެނެގަނެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ "ކަންނެތްކަން" ނުވަތަ "ލޭޒިނަސް" އަކީ ނަފްސާނީ އިލްމީ ގޮތުން ކްލިނިކަލް މާނައެއް އޮތް ލަފުޒަކަށް ނުވާތީއެވެ. އެހެންނަމަވެސް، އާދައިގެ ބަހުން ބުނާނަމަ، ކަންނެތްކަމަކީ އަމިއްލަ ފަރުދީ މަސައްކަތެއް ކުރަން ބޭނުން ނުވުމުގެ ސަބަބުން ކަމެއް ނުވަތަ މަސްއޫލިއްޔަތެއް އަދާނުކުރެވުމެވެ.

ސިއްހީ ހާލަތެއްގެ ސަބަބުން ނުވަތަ މަގުބޫލު އުޒުރެއް އޮވެގެން މަސައްކަތެއް ނުކުރެވުމަކީ ކަންނެތްކަމެއް ނޫނެވެ. މިސާލަކަށް، އެކްސިޑެންޓެއް ދިމާވުމުގެ ސަބަބުން އެސައިންމަންޓް ނުނިންމޭ ދަރިވަރަކީ ކަންނެތް ކުއްޖެކޭ ނުބުނެވޭނެއެވެ. ނަމަވެސް، ޖިސްމާނީ ނުވަތަ ނަފްސާނީ އެއްވެސް ހުރަހެއް ނެތި، އަމިއްލަ އިޚްތިޔާރުގައި މަސައްކަތް ނުކޮށް ހުންނަ ދަރިވަރަކީ ކަންނެތް ކުއްޖެއް ކަމުގައި ބެލެވިދާނެއެވެ.

ކަންނެތްކަމުގެ ނަފްސާނީ ގޮތަކީ، އޭގެ ނަތީޖާއަށް ބެލުމެއް ނެތި ކަމެއް ކުރަން އެއްގޮތަކަށްވެސް ބޭނުންނުވުމެވެ. "ޕްރޮކްރާސްޓިނޭޝަން" ނުވަތަ ކަންކަން ފަސްކުރުމަކީ، މަސައްކަތް ކުރަން ގަސްދުކޮށްގެން ހުރެ، އެކަށީގެންވާ ސަބަބެއް ނެތި އެކަން މަޑުޖައްސާލުމެވެ. މުހިންމު އެހެން ކަމެއް ކުރަން ޖެހިގެން ކަމެއް ފަސްކުރުމަކީ ކަންނެތްކަމެއް ނޫނެވެ. ނަމަވެސް، އެއްވެސް ފައިދާއެއް ނެތް ގޮތުގައި ކަންކަން ލަސްކުރުމަކީ ކަންކަން ފަސްކުރުމުގެ އާދައެވެ.

ކަންނެތްކަން މެދުވެރިވާ ސަބަބުތަކަކީ ކޮބައި؟

ކުރިން ދެންނެވުނު ފަދައިން، ކަންނެތްކަމުގެ ރަސްމީ މާނައެއް ނޯވެއެވެ. އެހެންކަމުން، އެކަކަށް ކަންނެތްކަމެއްގެ ގޮތުގައި ފެންނަ ކަމަކީ އަނެކަކަށް ބުރަ މަސައްކަތަކަށް ވެދާނެއެވެ. ކަންނެތްކަން މެދުވެރިވާ މައިގަނޑު 7 ސަބަބަކީ:

1. މަސްއޫލިއްޔަތު އުފުލަން ބިރުގަތުން: ކަމެއް ކުރުމުން ކަންތައްތައް ގޯސްވެދާނެ ކަމަށް ހީވުމަކީ، އެ ރިސްކު ނެގުމަށް ޖެހިލުންވާ ކަމެކެވެ. މި ޕްރެޝަރު ބޮޑުވުމުން، ގިނަ މީހުން އިޚްތިޔާރު ކުރަނީ އެކަމުން ދުރުވުމަށެވެ.

2. ނިންމުންތައް ނިންމަން އުނދަގޫވުން: ދެ ކަމެއްގެ ދެމެދުގައި ގޮތެއް ނުނިންމިގެން އުޅޭ މީހުންނަށް، ކުޑަ ނިންމުމެއް ނިންމުމަކީވެސް ބޮޑު ތަކުލީފަކަށް ވެއެވެ. އެހެންކަމުން، ނަތީޖާއާ ކުރިމަތިލާން ނުޖެހޭނެ ގޮތަކަށް ކަންކަމުން އެއްކިބާވެއެވެ.

3. ނާކާމިޔާބީއަށް ބިރުގަތުން: ބަލައިނުގަނެފާނެ ކަމުގެ ބިރު ނުވަތަ ނާކާމިޔާބުވެދާނެ ކަމުގެ ބިރުގެ ސަބަބުން، ހުވަފެންތަކާއި ވާޖިބުތަކާ މީހުން ދުރުވެއެވެ. މި ބިރުވެރިކަމުގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލިގެންދެއެވެ.

4. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުން: ބައެއް މީހުންނަށް އަމިއްލައަށް ގަބޫލުކުރެވެނީ އެމީހުންނަށް އެއްވެސް ކަމެއް ނުވާނެ ކަމަށެވެ. މިފަދަ ވިސްނުންތަކުގެ ސަބަބުން ކަންނެތްކަމަށް މަގުފަހިވެއެވެ.

5. ފޫހިވުން: އެއްވެސް ލަނޑުދަނޑިއެއް ނެތި، ކުރާނެ ކަމެއް ނެތި ތިބޭއިރު، ކަންނެތްކަން އިތުރުވެއެވެ. އެއްވެސް ކަމަކުން ފައިދާއެއް ނެތް ކަމަށް ދެކެން ފެށުމުން، މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ގެއްލެއެވެ.

6. ހިތްވަރު (Motivation) އަށް އެކަނި ބަރޯސާވުން: ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މަސައްކަތެއް ކުރެވޭނީ ހަމައެކަނި ހިތްވަރެއް ހުރެގެންނެވެ. ނަމަވެސް، ހަމައެކަނި މޯޓިވޭޝަނަށް ބަރޯސާވުމަކީ ކަންނެތްކަމުގެ ތެރެއަށް ވައްޓާލާނެ ކަމެކެވެ.

7. އުމުރު: އުމުރަކީވެސް މުހިންމު ބައެކެވެ. ޒުވާނުންގެ ހަކަތަ ހުންނަ މިންވަރަށްވުރެ، އުމުރުން ދުވަސްވުމުން ޖިސްމާނީ ގާބިލުކަން ދަށްވެ، ކަންނެތްކަން އިހުސާސްވުން ގާތެވެ.

ކަންނެތްކަން މެދުވެރިކުރުވާ ނަފްސާނީ ބަލިތައް:

• ޑިޕްރެޝަން (މާޔޫސްކަން)

• އެންޒައިޓީ (ނުތަނަވަސްކަން)

• ބައިޕޯލާ ޑިސްއޯޑަރ

• ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑަރ (PTSD)

ސިއްހީ ގޮތުން ދިމާވާ ބައެއް އުނިކަންތައްތަކުގެ ސަބަބުންވެސް ވަރުބަލިކަމާއި ކަންނެތްކަން މެދުވެރިވެއެވެ. އޭގެ ތެރޭގައި:

• ވިޓަމިން B12 މަދުވުން

• ދަގަނޑުގެ ބައި މަދުވުން (Iron deficiency)

• އެނީމިއާ (ލޭމަދުވުން)

• ތައިރޮއިޑް މައްސަލަތައް

• ކެންސަރު ބަލި

ކަންނެތްކަމުން އަރައިގަތުމަށް ބައެއް އިރުޝާދުތައް:

ކަންނެތްކަމަކީ ހައްލުނުކުރެވޭނެ ސީރިއަސް ބައްޔެއް ނޫނެވެ. ރަނގަޅު ލަނޑުދަނޑިތަކެއް ކަނޑައަޅައި، އަމިއްލަ ނަފްސު ތަރުތީބުކޮށްލުމުން މިކަމުން އަރައިގަނެވޭނެއެވެ.

ނަމަވެސް، އެއްފަހަރާ މާގިނަ މަސައްކަތްތަކާ ހަވާލުނުވާށެވެ. އޭގެ ބަދަލުގައި ކުދިކުދި، ހާސިލުކުރެވޭނެ ލަނޑުދަނޑިތަކުން ފަށާށެވެ. ހުރިހާ ކަމެއް ފުރިހަމައަށް (Perfectionism) ކުރަން އުޅުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަކޮށް، މާޔޫސްކަމަށް މަގުފަހިކުރާ ކަމެކެވެ.

ކިޔަވާއިރު ކަންނެތްކަމުން އަރައިގަންނާނީ ކިހިނެއް؟

• ނަތީޖާއަށްވުރެ ބޮޑަށް، ތިބާގެ ލަނޑުދަނޑިއަށް ސަމާލުކަން ދޭށެވެ.

• ފޯނާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނު ނިއްވާލައި، އެކަނިވެރި ތަނެއްގައި ކިޔަވަން އިންނާށެވެ.

• ކޮންމެ ގަޑިއިރަކުން 15-20 މިނެޓުގެ ބްރޭކެއް ނަގާށެވެ.

• ދުވަހުގެ ތާވަލެއް ހަދައި، ކިޔަވާނެ މައުޟޫޢުތައް ބަހާލާށެވެ.

• ހުސްބަނޑާ ހުރެ ކިޔަވަން ނޫޅޭށެވެ. މިއީ ސަމާލުކަން ގެއްލުވާލާނެ ކަމެކެވެ.

ވަގުތުން ވަގުތަށް ކަންނެތްކަން ދޫކޮށްލާނީ ކިހިނެއް؟

ކަންނެތްކަން ދޫކޮށްލުމަށްޓަކައި އެންމެ މުހިންމީ މަސައްކަތް ކުރާނެ ރޭވުމެއް ނުވަތަ "ޕްލޭން އޮފް އެކްޝަން" އެއް އޮތުމެވެ. ވަގުތާއި، ވަސީލަތްތަކާއި، އަދި ކުރަންޖެހޭ މަސައްކަތް ދެނެގަނެ، ވީހާވެސް އަވަހަކަށް އެކަމެއް ފަށާށެވެ. ތިބާގެ ކިބައިގައި ހުރި ހުނަރުތަކާއި ބާރުތަކަށް ސަމާލުކަން ދިނުމުން، މަސައްކަތަށް ހުންނަ ޝައުގުވެރިކަން އިތުރުވާނެއެވެ.

މަސައްކަތްތައް މަޖާ ކަންތައްތަކަކަށް ހަދާލާށެވެ. މިސާލަކަށް، ގޭތެރެ ސާފުކުރާއިރު ލަވަ އަޑުއެހުން ނުވަތަ ކޮންމެ މަސައްކަތެއް ނިންމުމުން އަމިއްލަ ނަފްސަށް ކޮންމެވެސް ކަހަލަ "ރިވޯޑެއް" ނުވަތަ ހަދިޔާއެއް ދިނުމަށް ނިންމާށެވެ.

ކަންނެތްކަމަށް ސައިންސްވެރިން ހޯދާފައިވާ ވަކި ބޭހެއް ނެތެވެ. މިކަމަށް އޮތް ހަމައެކަނި ހައްލަކީ އަމިއްލަ ނަފްސަށް ބަދަލު ގެނައުމެވެ. ބައެއް ފަހަރު ކަންނެތްކަން އިހުސާސްވަނީ މާ ބޮޑަށް ވަރުބަލިވުމުންނެވެ. އެހެންކަމުން، ރޭގަނޑު މަދުވެގެން 9 ގަޑިއިރު ނިދުމާއި، ދުވާލު ގިނައިރު ނިދުމުން ދުރުހެލިވާށެވެ. އަދި ސްޓްރެސް މެނޭޖްކުރުމަކީ ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދީ، ކަންނެތްކަމުން ދުރުކޮށްދޭނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު