އެފްރިކާ ބައްރު ދެބަޔަކަށް ކަފިވެ، އައު ކަނޑެއް
އެފްރިކާ ބައްރު ދެބަޔަކަށް ކަފިވެ، އައު ކަނޑެއް
އެފްރިކާ ބައްރު ދެބަޔަކަށް ކަފިވެ، އައު ކަނޑެއް އުފެދުމުގެ ފުރުސަތު ބޮޑުކަމަށް ސައިންސްވެރިން ކުރަމުންދާ ދިރާސާތަކުން ދައްކައިފިއެވެ.

މި ތާރީޚީ ބަދަލު އަންނަނީ އެފްރިކާގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ "އީސްޓް އެފްރިކަން ރިފްޓް"ނަމަކަށް ކިޔާ ބޮޑު ރެނދުގެ ސަބަބުންނެވެ.





މި ބަދަލު އަންނަނީ ދުނިޔޭގެ ބިމުގެ އަޑީގައިވާ ޓެކްޓޯނިކް ޕްލޭޓްތައް ކަމަށްވާ ނިއުބިއަން ޕްލޭޓާއި، ސޯމާލީ ޕްލޭޓް އަދި އަރަބިއަން ޕްލޭޓް އެކަތި އަނެކައްޗާ ދުރަށް ޖެހެމުންދާތީއެވެ. މި ޕްލޭޓްތައް ދުރަށް ޖެހުމުގެ ސަބަބުން ބިމުގެ ފަށަލަ ތުނިވެ، ބޮޑެތި ރެނދުތައް އުފެދި، އެންމެ ފަހުން ބައްރުގެ އެ ބައި ވަކިވެގެންދާނެއެވެ.

ސައިންސްވެރިން ވިދާޅުވާގޮތުގައި މި މަރުހަލާ ނިމުމުން، އެފްރިކާގެ އިރުމަތީގައިވާ ސޯމާލިއާ، އިތިއޯޕިއާގެ ބައެއް ބައިތަކާއި، ކެންޔާ އަދި ޓެންޒޭނިއާގެ ބައެއް ސަރަހައްދުތައް މައި ބައްރުން ވަކިވާނެއެވެ.

އަދި މި ވަކިވާ ބައިތައް ބަދަލުވެގެންދާނީ އިންޑިއާ ކަނޑުގެ ތެރޭގައި އޮންނަ ބޮޑު ޖަޒީރާއަކަށެވެ. އަދި މިހާރު ރެނދު އުފެދިފައިވާ ސަރަހައްދަށް ރަތް ކަނޑާއި އޭޑަން ގަލްފުގެ ލޮނުގަނޑު ވަދެ، އެފްރިކާގެ މެދުގައި އައު ކަނޑެއް އުފެދިގެންދާނެއެވެ.

މިއީ ދުނިޔޭގެ ޖިއޮގުރަފީ ގޮތުން އަންނާނެ އެންމެ ބޮޑު އެއް ބަދަލު ކަމުގައި ވިޔަސް، މިއީ ވަރަށް މަޑުމަޑުން ހިނގަމުންދާ ކަމެކެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި ބައްރު އެއްކޮށް ވަކިވެ، އައު ކަނޑެއް އުފެދުމަށް ގާތްގަނޑަކަށް 5 މިލިއަނާއި 10 މިލިއަނާ ދެމެދުގެ އަހަރުތަކެއް ނަގާނެއެވެ.

ނަމަވެސް، މި ބަދަލުގެ އަސަރުތައް މިހާރުވެސް ދަނީ ފެންނަމުންނެވެ. ކެންޔާގެ ސަސްވާ ސަރަހައްދުން ފެނުނު ބޮޑު ރެނދުގެ ސަބަބުން ބޮޑެތި މަގުތަކަށާއި އުމްރާނީ ވަސީލަތްތަކަށް ވަނީ އެތައް ގެއްލުމެއް ލިބިފައެވެ.

ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ގޮސް، ދިރިއުޅޭ މީހުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

ޖިއޮލޮޖިސްޓުން ބުނާ ގޮތުގައި މިއީ ދުނިޔޭގެ ބޭރު ފަށަލަ އަބަދުވެސް ބަދަލުވަމުންދާ ކަމުގެ ހެއްކެކެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ބިމުގެ އޮނިގަނޑަށް އަންނާނެ ބޮޑެތި ބަދަލުތަކަށް ތައްޔާރުވުމުގެ މުހިންމުކަން ދަނީ ބޮޑުވަމުންނެވެ.

މިއީ މިލިއަނުން މިލިއަނުން އަހަރުތަކެއް ނަގާނެ ކަމެއް ކަމުގައި ވިޔަސް، އޭގެ ފެށުން މިހާރު މިވަނީ ފެންނަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު