މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، އަލަށް އެކުލަވައިލެވުނު މީޑިއާ ކޮންޓްރޯލް ކޮމިޝަން މެދުވެރިކޮށް ނޫސްވެރިންނަށް ބިރުދެއްކުމުގެ އަމަލުތައް އާންމުވަމުންދާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ވަނީ ވަރަށް ބޮޑަށް ފަހަތަށް ސޮއްސައިލާފައި ކަމަށެވެ. އަދި މިއީ ރާއްޖޭގެ ނޫސްވެރިކަމަށް ލިބެމުންދާ ދެރައެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރަށްވާފައެވެ.

ހަމައެއާއެކު ރައީސް ނަޝީދު ވިދާޅުވީ، ހަބަރުތަކުގެ މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުކުރުމާއި، މީޑިއާ ކޮންޓްރޯލް ކޮމިޝަން މެދުވެރިކޮށް ނޫސްވެރިންނަށް ބިރުދެއްކުމަކީ މިހާރު އާންމު ކަމަކަށް ހަދާފައިވާ ކަމަށެވެ. އޭގެއިތުރުން ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމުގައި ދޫދިނުމަކީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.



ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ދުނިޔޭގެ ނިސްބަތުން 4 ދަރަޖަ ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް، ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ވަކާލާތު ކުރަނީ މިހާރު ހެދިފައިވާ ގާނޫނުތަކުގެ ދަށުން އުފައްދާފައިވާ މީޑިއާ ކޮންޓްރޯލް ކޮމިޝަނަކީ ނޫސްވެރިންގެ މަސައްކަތްތައް ހަމަ މަގަށް އެޅުވުމަށާއި، ޒިންމާދާރުކަމާއެކު މަސައްކަތް ކުރުވުމަށް އުފެއްދި މުއައްސަސާއެއް ކަމަށެވެ.

ނަމަވެސް، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ބުނެފައިވަނީ ރާއްޖޭގައި އުފައްދާފައިވާ ކޮންޓްރޯލް ކޮމިޝަނުން ނޫސްވެރިންނަށް ފިޔަވަޅު އެޅުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު