މިއަދު ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުން
މިއަދު ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުން
އައްޑޫ ސިޓީގެ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ އޭއީއެޗްގެ ސީއީއޯގެ މަގާމަށް އަލަށް އައްޔަންކުރެއްވި ޑރ. އަހްމަދު އަދީލް ނަސީރު، އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް ބޭއްވުނު ރަސްމީ ބައްދަލުވުމެކެވެ. އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ސިޓީގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

މި މަޝްވަރާތަކުގެ ތެރެއިން، އައްޑޫ ސިޓީގެ ސިއްހީ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ދެފަރާތުން އެންމެ އިސްކަންދޭ މުހިންމު ދާއިރާތައް ފާހަގަކޮށް، އެ ކަންކަން ހާސިލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ވެސް ދެފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ މުޅި އައްޑުއަތޮޅުގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއަކަށް ވާއިރު، ކައުންސިލާއެކު ބޭއްވުނު މި ބައްދަލުވުމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް އެއްބާރުލުން ދިނުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށް ދެ މުއައްސަސާއިން ވެސް އުންމީދު ކުރެއެވެ.

ޑރ. އަހްމަދު އަދީލް ނަސީރު އޭއީއެޗްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ހޮސްޕިޓަލުގެ ހިދުމަތްތައް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު