އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމުގައި މިހާރު އޮތް އާބާދީގެ މިންގަނޑު ބޮޑުކޮށްގެން ނޫނީ، ވޯޓު ގަނެގެން މަޖިލީހަށް ވަނުން ހުއްޓުވޭން ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، މަޖިލިސް މެންބަރުންނަކީ ރައްޔިތުން ތަމްސީލުކުރަން ތިބޭ ބައެއް ނަމަވެސް، އަމަލީ މައިދާނުން ފެންނަނީ އެއާ މުޅިން ތަފާތު މަންޒަރެއް ކަމަށެވެ.

ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮންނަ މެންބަރުން އުޅެނީ ރައްޔިތުންގެ ހައްގުތަކަށްވުރެ ބޮޑަށް ސަރުކާރު ދިފާއުކުރުމުގައެވެ.

މިކަން މިގޮތަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ، އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި މެންބަރުން އިންތިހާއަށް ފައިސާ ޚަރަދުކުރަން ޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ. ގިނަ މެންބަރުން މަޖިލީހަށް ހޮވެނީ ވޯޓު ގަނެގެން ކަމަށާއި، މިއީ އެންމެން ދަންނަ ނަމަވެސް ދައްކަން ނުކެރޭ 'ބޮޑު ސިއްރެއް'ގެ ގޮތުގައި ފައްޔާޒު ސިފަކުރެއްވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، އަމިއްލަ ޖީބުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން މަޖިލީހަށް އަންނަ މެންބަރަކު، އެ ފައިސާ އަނބުރާ ހޯދުމަށްޓަކައި ސަރުކާރުން ބޭނުންވާ ގޮތަށް އަމަލުކުރާ ކަމަށެވެ.

މި ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށާއި، މިހާރު އޮތް ގޮތުން 600 ނުވަތަ 800 އެއްހާ ވޯޓުން މެންބަރަކު ހޮވޭތީ ފައިސާގެ ނުފޫޒު ފޯރުވަން ފަސޭހަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިކަމަށް އޮތް ހައްލަކީ އިންތިޚާބީ ދާއިރާތަކުގެ އާބާދީ ބޮޑުކުރުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު