މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
އަތޮޅު ކައުންސިލްތައް އުވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބަދަލުކޮށް އެ ކައުންސިލްތައް އަލުން އިއާދަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މިއަދު ބޭރުކޮށްލައިފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތެއްގައި ހިންގުމަށްޓަކައި، މީގެ ކުރިން ގެނެވުނު އިސްލާހަކުން އުވާލާފައިވާ އަތޮޅު ކައުންސިލްތައް އަލުން ރުޖޫއަކުރުމެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމާ މެދު ނެގި ވޯޓުގައި، ބިލު ބޭރުކޮށްލުމަށް 53 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ބިލު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 45 މެންބަރުންނެވެ.

މި ބިލުގައި ގާނޫނުއަސާސީގެ 230 ވަނަ މާއްދާއާއި 231 ވަނަ މާއްދާއަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން، 230 ވަނަ މާއްދާގެ (ށ) އަށް ހުށަހެޅި އިސްލާހުގައި ބަޔާންކޮށްފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.

މީގެ އިތުރުން، ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ށ) އަށް ގެނެވޭ އިސްލާހުގައި ބުނެފައިވަނީ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބުކުރަންވާނީ އެ ކައުންސިލަކަށް ނިސްބަތްވާ ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށެވެ.

ބިލު ހުށަހަޅުއްވަމުން މެންބަރު އިބްރާހީމް މުހައްމަދު ވިދާޅުވީ، އިންތިހާބުތައް އެއްކޮށްލުމާ ބެހޭގޮތުން ރައްޔިތުންގެ މެދުގައި ނެގުނު ހިޔާލުހޯދުމުގެ ވޯޓުގައި 68.74 ޕަސެންޓް ރައްޔިތުން "ނޫނެކޭ" ބުނުމަކީ، ސަރުކާރުން ހުށަހެޅި ބައެއް ބަދަލުތަކަށް ރައްޔިތުންގެ ރުހުން ނެތްކަން ހާމަވާ ކަމެއް ކަމަށެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމަށް ފާސްކުރި ބިލަކީވެސް ރައްޔިތުންގެ އެދުމާ އެއްކޮޅު ނިންމުމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަތޮޅު ކައުންސިލްތައް އުވާލާ ގޮތަށް، ލާމަރުކަޒީ ގާނޫނަށް ގެނައި 17 ވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ އިސްލާހުގެ ދަށުން އަތޮޅު ކައުންސިލްތައް އުވި، ރަށު ކައުންސިލްތައް ސީދާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ޖަވާބުދާރީވާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް، ކުޑޫގެ މި އިސްލާހުގެ މަގުސަދަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ފުރިހަމަ ލާމަރުކަޒީ ނިޒާމު އަލުން އިއާދަކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު