ބީއެމްއެލް - މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ބީއެމްއެލް - މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އެކައުންޓްތަކާ ގުޅިފައިވާ ކާޑުތައް ބޭނުންކޮށްގެން، ބޭރުގެ އޮންލައިން ޝޮޕިންގ ސައިޓްތަކުން ކަސްޓަމަރުން ބޭނުންވާ އަދަދަކަށް ވިޔަފާރިކުރެވޭނެ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓީމޫ އާއި ޝީއިން ފަދަ މަގުބޫލު ރީޓެއިލް ވިޔަފާރި ސައިޓްތަކުން ޑޮލަރު އެކައުންޓް މެދުވެރިކޮށް މުއާމަލާތް ކުރުމުގައި ބޭންކުން އެއްވެސް ލިމިޓެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ.

ބޭންކުން ހަމައެކަނި އަޅާފައިވާ ފިޔަވަޅަކީ އެފަދަ ސައިޓްތަކުގައި ރުފިޔާ ކާޑުން ކުރާ މުއާމަލާތްތަކަށް ބޭންކުން ޑޮލަރު ވިއްކާ އަދަދު ވަކި ލިމިޓަކަށް ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވިއެވެ.



މިކަމާ ގުޅޭގޮތުން ތަފްސީލު ދެމުން ބޭންކުން ބުނީ، ބޭރުގެ ސައިޓްތަކަށް ބޭންކުގެ ދިވެހި ރުފިޔާ އެކައުންޓާ ގުޅިފައިވާ ކާޑުތަކުން މުއާމަލާތް ކުރެވޭ މިންވަރަށް ލިމިޓެއް ކަނޑައެޅި ނަމަވެސް، ޑޮލަރު އެކައުންޓްތަކުން ކަސްޓަމަރުން ބޭނުން މިންވަރަކަށް، އެއްވެސް ހުރަހެއް ނެތި މުއާމަލާތް ކުރެވޭނެ ކަމަށެވެ.

ބީއެމްއެލްއިން މި ފިޔަވަޅުތައް އަޅަން ޖެހުނު ސަބަބާ ގުޅޭގޮތުން އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ބޭންކަށް ގަންނަން ލިބޭ ޑޮލަރަށް ވުރެ ވިއްކަން ޖެހޭ ޑޮލަރުގެ މިންވަރު އިތުރުވަމުންދާތީ ބައެއް ކަންކަން ތަރުތީބު ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން އީކޮމާސް ވިޔަފާރިތަކަށް ކަނޑައެޅޭ ބަޖެޓް ހަމަހަމަކޮށް ބޭނުންކުރުމަށްޓަކައި، ކޮންމެ ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ހެދޭނެ ޓްރާންސެކްޝަންގެ އަދަދު މިހާރު ވަނީ 30 އަށް ކަނޑައަޅާފައެވެ.

މީގެ އިތުރުން، ރާއްޖޭގައި ތިބޭ މީހުންގެ ކާޑުތައް ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭ ގޮތް ހެދުމަށްވެސް ބޭންކުން ވަނީ ނިންމާފައެވެ. މި ނިންމުންތަކަކީ ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރޭގައި ޑޮލަރުގެ މުއާމަލާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅުތަކެއް ކަމަށް ބޭންކުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު