އޭއައި އިން ހަދާފައިވާ ފޮޓޯއެއް| ރަސް އޮންލައިން
އޭއައި އިން ހަދާފައިވާ ފޮޓޯއެއް| ރަސް އޮންލައިން
އިދިކޮޅު އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ޕާޓީގެ އާންމު މެންބަރުންނަށް ހާއްސަ މެސެޖެއް ފޮނުއްވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މެންބަރުންނަށް ފޮނުއްވަމުންދާ ސިޓީއެއްގައި މީކާއިލް ވިދާޅުވީ، ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރައްވައިގެން ހުންނެވި ބޭފުޅަކު ޗެއާޕާސަންކަމަށް ހޮވިއްޖެ ނަމަ، ޕާޓީގެ ތެރޭގައި އަނެއްކާވެސް ބައިބައިވުން އުފެދޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގެއްލި، ޕާޓީ އަނެއްކާވެސް "މަގުމަތިވުމުގެ" ބިރު އެބައޮތް ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

މީކާއިލްގެ މި ވާހަކަތައް އަމާޒުކުރައްވާފައިވަނީ އޭނާއާ ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގެންނަން ނަޝީދު ވަނީ ތާއީދުކުރައްވާފައެވެ. އަދި މިހާރުވެސް އެ ދެ ބޭފުޅުން ގުޅިގެން "ބޮޑު ބަދަލު"ގެ ނަމުގައި ކެމްޕޭނެއް ކުރިއަށް އެބަގެންދަވައެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ނަތީޖާއާ މެދު މެންބަރުން މާޔޫސްވެފައިވާކަން ފާހަގަކުރައްވަމުން މީކާއިލް ވިދާޅުވީ، ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ. ޕާޓީގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު އިސްކުރުމާއި، އެކި ފެކްޝަންތަކުގެ މެދުގައި އޮތް ދެބަސްވުންތަކުގެ ސަބަބުން ޕާޓީގެ ފޯރިއަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

ނަމަވެސް، މިދިޔަ އޭޕްރީލް މަހުގެ އިންތިހާބުތަކުން ލިބުނު ކާމިޔާބީއަށް އަލިއަޅުވާލައްވަމުން މީކާއިލް ވިދާޅުވީ، ޕާޓީ އެކަތިގަނޑަކަށް ވެއްޖެ ނަމަ ބޮޑެތި ކާމިޔާބީތައް ހޯދޭނެކަން ސާބިތުވެފައިވާ ކަމަށެވެ.

މީކާއިލް ވައުދުވެވަޑައިގަތީ އޭނާ ޗެއާޕާސަން ކަމަށް ހޮވިއްޖެ ނަމަ، ޕާޓީގެ ސަފުތައް ބަދަހިކޮށް، އެއްބައިވަންތަކަން އާލާކުރުމުގެ މަސައްކަތް ވަގުތުން ފަށްޓަވާނެ ކަމަށެވެ. އަދި މެންބަރުންގެ އިތުބާރާއެކު 2028 ގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު