ރައީސް ޑރ. މުހައްމަދު މުއިއްޒު ލަންކާއަށް ކުރެއްވި ރަސީ ދަތުރުފުޅުގެ ތެރެއިން-
ރައީސް ޑރ. މުހައްމަދު މުއިއްޒު ލަންކާއަށް ކުރެއްވި ރަސީ ދަތުރުފުޅުގެ ތެރެއިން-
ލަންކާގައި ދިރިއުޅޭ ސަރުކާރަށް ފާޑުކިޔާ ދިވެހިންނަށް ބިރުދެއްކި ކަމަށް ބުނާ މައްސަލަ ބަލަން ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް އަންގާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

"އެބަ ބަލަން، ޔެސް އެބަ ބަލަން، އަޅުގަނޑުމެން ހައިކޮމިޝަންގައިވެސް ދަންނަވައިފިން އެކަން ބަލަން،" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވި ގޮތުގައި އެ މައްސަލައިގެ މަޢުލޫމާތު އޭނާއަށް ލިބެން ފެށީ ރައީސް މުޢިއްޒު ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމީ ޙަފްލާ ކުރިއަށް ދިޔަ ވަގުތުގައެވެ. އަދި އެ މަޢުލޫމާތު ލިބުމާއެކު، އެތަނުގައި ހުންނެވި ދިވެހި ހައިކޮމިޝަނަރާ ސުވާލުކުރެއްވި ކަމަށާއި، ނަމަވެސް އެފަދަ ކަމެއް ހިނގިކަމަށް ހައިކޮމިޝަނަރު އިންކާރު ކުރެއްވި ކަމަށް މުންދު ފާހަގަކުރެއްވިއެވެ.

"ވަގުތުން އެތަނުގައި ހައިކޮމިޝަނަރު ހުންނެވި، އެމަނިކުފާނަށް އަޅުގަނޑު ދެންނެވިން މިއީ ކިހިނެއް ހިނގާ ކަމެއްތޯއޭ، ވިދާޅުވި ހަމަ ކަނޑައެޅިގެން ދޮގެކޭ. ތިބޭފުޅުންނަށް އެނގިލައްވާނެ އެބޭފުޅާއަށް ގުޅުއްވާލައްވަން، ގުޅުއްވީމަ ޖަވާބުދާރީވާނެކަމަށް އަޅުގަނޑުމެން މި ބަލަނީ،" މުންދު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ރައީސްގެ ބައްދަލުވުމަށް އައުމަށް ހުރަސްއެޅުމަކީ ސަރުކާރުން ނުވަތަ ރައީސް އަންގަވައިގެން ކުރައްވާނެ ކަމެއް ނޫން ކަމަށްވެސް މުންދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެފަދަ އެއްވެސް މަސައްކަތެއް ސަރުކާރުގެ ފަރާތުން ކޮށްފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު