ކުޑަގޮޅި އަށްލައި އަދަގޮނޑީގައި ބޭއްވިޔަސް ހަގީގަތް ހާމަކުރުން ހުއްޓައެއް ނުލައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ”ބޮޑު ބަދަލު“ ގެ ކެމްޕެއިނަށް ލަންކާއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގަ އެވެ. އެމް.ޑީ.ޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ ކަންކަމުގެ ހަގީގަތް ހާމަކުރުމުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ، ސަރުކާރުން ބިރުދައްކައި، ހައްޔަރުކުރި ނަމަވެސް އެމަނިކުފާނާއި އެމް.ޑީ.ޕީގެ ރޫޙު ފަހަތަކަށް ނުޖެއްސޭނެ ކަމަށެވެ.

​"ރައީސް ޑރ. މުޢިއްޒަށް ދަންނަވަން ބޭނުން ކުޑަ ތަންކޮޅެއްވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. މާދަމާވެސް އަނެއްކާ ވެސް އަނދަގޮނޑީގައި އޮންނަން ޖެހިއްޖެނަމަ ވަރަށް ތައްޔާރަށް އަޅުގަނޑުމެން މިތިބީ، ހުޅު ބިޑިއެޅިޔަސް، ޗޭނުޖެހިޔަސް، އަދަނގޮޑި ޖެހިއަސް ކުޑަގޮޅިއަށް ލިޔަސް، މި ވާހަކަ އިއްޒަތްތެރި ރައީސް އަޅުގަނޑުމެން ދެއްކުން ހުއްޓައެއް ނުލާނަން،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ​ނަޝީދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަނެ، ނޫސްވެރިން ހައްޔަރުކުރުމަކީ ޤައުމުގެ ކުރިމަގަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތިއްޔާ، ސަރުކާރުން "ނުބައި ޕްރޮޖެކްޓްތައް" ނުބައި އަގުގައި ހިންގައި، ރައްޔިތުންގެ ފައިސާ އިސްރާފުކުރާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވަނީ ނޫސްވެރިން ހައްޔަރުކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ސަރުކާރުން އަރައިގަންނާތީ ކަމަށެވެ.

" ​އަޅުގަނޑުމެން ކަންބޮޑެއް ނުވޭ އެހެން ކަމަކާޔެއް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ، އެއްވެއުޅުމުގެ މިނިވަންކަމާ، ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގެ މިނިވަންކަން ރާއްޖޭގެ ރައްޔިތުންނަށް ލިބިދީފަ އޮންނަން މިޖެހެނީ މަޖަލަކުން ނޫން. ​އެއީ އަޅުގަނޑުމެންގެ ތަނަވަސްކަމާ، ރައްޔިތުންގެ ތަނަވަސްކަމާ ގުޅިފަހުރި ކަންކަން ކަމަށްވާތީ." މަޖިލީހުގެ ކުރީގެ ރައީސް ކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ހުކުމްކޮށްފައިވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު