ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުރަސްއަޅައި، ރިޔާސަތުން ދެއްވި އިރުޝާދުތަކަށް ތަބާނުވުމުގެ ސަބަބުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ ނަން އިއްވައި، މިއަދުގެ ޖަލްސާއިން އޭނާ ބޭރުކޮށްފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ މި ހަމަނުޖެހުން ފެށުނީ، މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައެއް މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެންނެވެ. އެއަށްފަހު މަޖިލީހުގައި ކުރިއަށް ދިޔައީ ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު ހުސެއިން ނާސިޙު ހުށަހަޅުއްވާފައިވާ "ސައިބާ ސެކިއުރިޓީ ބިލު" ގެ ބަހުސެވެ.

މި ބިލަށް ބަހުސްކުރުމަށް ލިބުނު ފުރުސަތުގައި، މީކާއީލް ވަނީ ބިލުގެ މައުޟޫއާ ގުޅުމެއް ނެތް ވާހަކަތަކެއް ދައްކަވަން ފަށްޓަވާފައެވެ. އެގޮތުން، ވަކި ކަމަކާ ގުޅޭގޮތުން ވާހަކަދެއްކުން ހުރިހާ ރައްޔިތުންގެ މައްޗަށް މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގައި (ގެގް އޯޑަރު) ހިމެނޭ ބައެއް ކަންކަން އޭނާ މަޖިލީހުގެ ތަޅުމުގައި ފާހަގަކުރެއްވިއެވެ.

މީކާއީލް އެ ވާހަކަތައް ދައްކަވަން ފެއްޓެވުމާއެކު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެއީ ކޯޓު އަމުރެއް އޮތް ކަމަކަށް ވާތީ އެ ވާހަކަ ނުދެއްކެވުމަށާއި، ބަހުސް ކުރިއަށްދާ ބިލުގެ މައުޟޫއަށް ވާހަކަ ބިނާކުރެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ނަމަވެސް، މެންބަރު އެކަމަށް އިޖާބަ ނުދެއްވުމުން، ރިޔާސަތުން ވަނީ ދެ ފަހަރެއްގެ މަތިން އޭނާގެ މައިކްގެ އަޑު ކަނޑާލާފައެވެ.

މައިކް ކަނޑާލުމުންވެސް މީކާއީލް މަޖިލިސް ތަޅުމުގައި ހުންނަވައި އަޑުގަދަކޮށް ވާހަކަދައްކަވަން ފެއްޓެވުމުން، މަޖިލީހުގެ ރައީސް ވަނީ އޭނާގެ ނަން އިއްވައި ތަޅުމުން ނިކުތުމަށް އަންގާފައެވެ. މެންބަރުގެ ނަން އިއްވުމާއެކު، މަޖިލީހުގެ ސެކިއުރިޓީން ވަނީ މީކާއީލް ތަޅުމުން ނެރެފައެވެ.

މި ހާދިސާއާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް، ރިޔާސަތުގެ ނިންމުމާ ދެކޮޅަށް އިހުތިޖާޖު ކުރަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު