ރޭ ކުރިއަށް ދިޔަ އިހުތިޖާޖުގެ ތެރެއިން،  ފޮޓޯ: އެމްޑީޕީ
ރޭ ކުރިއަށް ދިޔަ އިހުތިޖާޖުގެ ތެރެއިން، ފޮޓޯ: އެމްޑީޕީ
"އަދަދު" ނޫހުގެ ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި ރޭ މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 9 މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި އިހުތިޖާޖުގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވަނީ 8 ފިރިހެނުންނާއި 2 އަންހެނުންނެވެ. އެމްޑީޕީގެ ގާނޫނީ ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އަލީ ޖުމާން، މުނާޒް އަލީ، ޝުޖާއު އަފީފް، އަލީ މުޝައްފައު، އާމިނަތު މުނާ، ޝަމްއޫން ޖަލީލް، އަހްމަދު ރަމީޒް، އާމިނާ މަނިކެ، އަބްދުއްލޯ ޝަރީފް، އަދި އަހުމަދު ޝަފީގް (މީމު ސައްޕެ) އެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ކަމަށެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މުނާޒް އަލީ ފިޔަވައި ދެންތިބި 9 މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. ކޯޓުން ވަނީ މުނާޒް އަލީ ބަންދުން ދޫކޮށްލާފައެވެ.

މި އިހުތިޖާޖަކީ ހައްޔަރުކޮށްފައިވާ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ސަރުކާރަށް ގޮވާލައި ބޭއްވި ހަރަކާތެކެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، މިފަދަ ހައްޔަރުކުރުންތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު