ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ފަންނީ ގޮތުން ގާބިލު، ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ބަޔަކަށް ހެދުމުގެ މަގުސަދުގައި "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" ރަސްމީކޮށް ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭންކަރުން ބިނާކުރުމަށްޓަކައި، ޗާޓަރޑް ބޭންކިންގ ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް ޖަނަވަރީ 2026 ގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް (އޭ.އައި.ސީ.ބީ) އާއެކު ސޮއިކުރި ފަހުމުނާމާ (އެމްއޯޔޫ) އެއްގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަމަށެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބޭންކް އޮފް މޯލްޑިވްސްގެ 30 މުވައްޒަފުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މުވައްޒަފުން ކޯސް ފުރިހަމަކޮށް، ބޭންކިންގ ދާއިރާގެ ބައިނަލްއަގުވާމީ ފެންވަރުގެ ސަނަދު ހާސިލުކުރާނެ ކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.

މިކަމާ ގުޅޭގޮތުން ބޭންކުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށް ބޭންކުން އަބަދުވެސް ގަބޫލުކުރާ ކަމަށެވެ.

"މެދުނުކެނޑި ފަންނީ ތަރައްގީއަށް ކުރެވޭ މަސައްކަތަކީ މި މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް. މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލިބިގެންދާނެ މުހިންމު ބާރެއް ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

މި "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" ކުރިއަށްގެންދަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ޚާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ. މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބޭންކަށް ގެންނަމުންދާ ބަދަލުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމުގެ އިތުރުން، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ބޭންކުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު