މިއީ އޭއި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ރައީސް ނަޝީދާއި، ރައީސް ޔާމީން އާއި ރައީސް ޞާލިޙް އެކުގައި ނިކުމެ ޤައުމު ސަލާމަތްކުރާ ވާހަކަ ދައްކަވާއިރު، އެ ބޭފުޅުންނަކީ އެކަކު އަނެކަކާ މެދު ކިހާ ގާތް ގުޅުމެއް ބޭއްވި ބޭފުޅުންތޯ ރައްޔިތުން ވިސްނަންޖެހޭ ކަމަށް ސަރުކާރުގެ ތަރުޖަމާން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި "ޕްރެސް ވިތު ދަ ސްޕޯކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ދާދިފަހުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ފައްޔާޒް ވަނީ ސިޔާސީ ތަފާތުތައް އެއްފަރާތްކޮށް، މި ތިން ރައީސުން އެކުގައި ނުކުމެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލަށްވާފައެވެ.

އެކަމާ ގުޅިގެން މުންދު ވިދާޅުވީ، މި ތިން ރައީސުންނަކީ މީގެ ކުރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކު ހައްޔަރު ކުރަށްވާފައިވާ ބޭފުޅުން ކަމަށެވެ. އަދި ކޮންމެ ރައީސަކީ ވެސް އަނެއް ރައީސެއްގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާގެ ގޮތުގައި މީގެ ކުރިން ސިފަކުރަށްވާފައިވާކަން އޭނާ ހަނދާންކޮށް ދެއްވިއެވެ.

"މި ތިން ރައީސުންނަކީ އެއް ބޭފުޅަކު އަނެއް ބޭފުޅަކު ހައްޔަރުކުރެއްވި ބޭފުޅުން. ކޮންމެ ބޭފުޅަކީ އަނެއް ބޭފުޅެއްގެ 'މެއިން ރައިވަލް' ގެ ގޮތުގައި މީގެ ކުރިން އެ ބޭފުޅުން ސިފަކުރަށްވާފައިވާ ބޭފުޅުން." މުންދު ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ބޭފުޅުންގެ ވެރިކަމުގެ ފެންވަރާއި ރައްޔިތުން އެ ބޭފުޅުންނަށް ދެއްވި މާކްސްއާމެދު ވިސްނާލުން މުހިންމު ކަމަށްވެސް މުންދު ވިދާޅުވިއެވެ. ހަމައެއާއެކު އެ ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ދެވަނަ ދައުރަކަށް ރައްޔިތުން އިންތިޚާބު ކުރިތޯ މުންދު މިއަދު ވަނީ ސުވާލު އުފައްދަވާފައެވެ.

ތަރުޖަމާން މުންދު ވިދާޅުވީ، ކުރީގެ ރައީސުން ވެރިކަން ކުރެއްވި ގޮތް ރައްޔިތުންގެ ހަނދާނުގައި ހުންނާނެ ކަމަށެވެ. ވަކިން ހާއްސަކޮށް އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް ޞާލިޙްގެ ވެރިކަމުގެ ރަނގަޅު އަދި ނުރަނގަޅު ކަންކަން މިނެކިރަން އަދުގެ ޒުވާނުންނަށް ވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސިޔާސީ އެކި ބޭފުޅުން ކުއްލިއަކަށް "ހޮރުހޮރުން" ނުކުންނަވައި ސަރުކާރަށް ފާޑުވިދާޅުވަމުންދާތަން ފެންނަ ކަމަށް ވެސް މުންދު ފާހަގަކުރެއްވިއެވެ.

މުންދު ވިދާޅުވީ، މި ސަރުކާރުން ހުރިހާ ސިޔާސީ ބޭފުޅުންނަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ވާދަކުރެއްވުމަށް ގިނަ ބޭފުޅުން ނުކުންނަވާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް ވެސް އޭނާ މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު