ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންތަކާއި ހިޔާލުތަފާތުވުންތައް ނައްތާލައި، ވަކި މީހެއްގެ މަސްލަހަތަށްވުރެ ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތު އިސްކުރާނެ "ޔުނިޓީ ކެނޑިޑޭޓަކީ" އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް މިހެން ވިދާޅުވީ، އޭނާގެ އިންތިޚާބީ މެނިފެސްޓޯ އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މީކާއީލް ވިދާޅުވީ އޭނާ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ އެ މަގާމަކީ އެހެން މަތީ މަގާމަކަށް ދިއުމަށް ބޭނުންކުރާ ހަރުފަތެއްގެ ގޮތުގައި ދެކިގެން ނޫން ކަމަށާއި، އަދި 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓަށް "ފެންބޮވައިގަނެގެން" ނޫން ކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ އަމާޒަކީ ޕާޓީގެ އާންމު މެންބަރުންނަށް ފުރުސަތުތައް ހޯދައިދީ، އާ މޫނުތަކަށް މޭޔަރުކަމާއި، މަޖިލިސް މެންބަރުކަމާއި، ކައުންސިލަރުކަމުގެ ފުރުސަތު ޕާޓީ ތެރެއިން ފަހިކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

ޕާޓީގެ އެތެރޭގެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، މެޗެއްގެ ރެފްރީއަކަށް ހުންނަ މީހަކު ވަކި ޓީމަކަށް ނުޖެހޭނެ ފަދައިން، ޗެއާޕާސަނަކަށް ހުންނަވާ ބޭފުޅަކުވެސް ވަކި ރިޔާސީ ކެނޑިޑޭޓަކަށް ފަހިވާ ގޮތަށް ޕާޓީގެ "ތިލަފަތް" އަރިއެއް ނުކުރެވޭނެ ކަމަށެވެ.

"މި ގައުމު ހަމަމަގަށް އެޅޭނީ ވަކި މީހަކު ދައުލަތުގެ އިސް ވެރިއަކަށް ނުވަތަ ސަރުކާރު ހިންގަން ގެނެސްގެނެއް ނޫން. މި ގައުމު ހަމަމަގަށް އެޅޭނީ އާ ޒުވާން ޖީލަކަށް މި ޕާޓީ ހަވާލުކޮށް، އާ ބަޔަކަށް ފުރުސަތު ދީގެން. 2028 އަށް ދާއިރު ޕާޓީގެ މަސްލަހަތު ހިފެހެއްޓޭނީ ހަމަހަމަކަމާއި އިންސާފު ގާއިމްކޮށްގެން،" މީކާއީލް ވިދާޅުވިއެވެ.

ވޭތުވެދިޔަ 2023 ގެ ރިޔާސީ އިންތިޚާބާއި 2024 ގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވީ ޕާޓީ ތެރޭގެ އެއްބައިވަންތަކަން ގެއްލުމުންކަން ފާހަގަކުރައްވައި މީކާއީލް ވިދާޅުވީ، އެތެރޭގެ ތަޅާފޮޅުންތަކުގައި ވަގުތު ބޭކާރުކުރާ ވަރަށްވުރެ ގައުމުގެ ހާލަތު މާ ގޯސްވެފައިވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމާއި ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތައް ނައްތާލަމުންދާ ކަމަށް ތުހުމަތުކުރައްވައި، އެކަމާ ދެކޮޅަށް އެމްޑީޕީން ވަރުގަދައަށް ނުކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ގައުމު ބާރަށް ފަހަތަށް ސޮއްސާލަމުންދާއިރު، ގައުމު ކުރިއަށް ގެންދެވޭނީ މި ޕާޓީވެސް ކުރިއަށް ގޮސްގެން. އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ އެންމެން އެކުވެގެން. މި އިންތިޚާބުގައި ޕާޓީގެ އެކި ފެކްޝަންތައް އެއްގަލަކަށް އަރުވައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މި ޕާޓީއަށް ކާމިޔާބު ކޮށްދޭނެ ކެނޑިޑޭޓަކީ އަޅުގަނޑު،" މީކާއީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު