ދިސާނަޔަކަގެ ޒައާމަތުގައި ވޭތުވެދިޔަ އެއްއަހަރުތެރޭ ސްރީލަނކާ އަށް ބޮޑު ބަދަލެއް ގެނުވައިފި
ދިސާނަޔަކަގެ ޒައާމަތުގައި ވޭތުވެދިޔަ އެއްއަހަރުތެރޭ ސްރީލަނކާ އަށް ބޮޑު ބަދަލެއް ގެނުވައިފި
ސްރީލަންކާގެ ސިޔާސީ މަސްރަހުން ޖަވާބުދާރީވުމެއް ނެތް ދުވަސްތައް މާޒީވެ، އާދައިގެ މަތިން ކުރަމުން އައި ސިޔާސީ އުކުޅުތަކަށް ނިމުން އަތުވެއްޖެއެވެ. ރައީސްކަމުގެ މަޤާމަށް އަނޫރާ ކުމާރާ ދިސާނަޔަކަ އިންތިޚާބުވެވަޑައިގަތްތާ އަހަރެއް ފުރުނުއިރު، ވޭތުވެދިޔަ ދުވަސް ތަކުތެރޭގައި ޤައުމުގެ ބާރުތައް މުށުތެރޭގައި ބަހައްޓަމުން އައި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫ.އެން.ޕީ) އާއި ސްރީލަންކާ ފްރީޑަމް ޕާޓީ (އެސް.އެލް.އެފް.ޕީ) ގެ ނުފޫޒު ވަނީ މުޅިން ކެނޑިފައެވެ.

ދިސާނަޔަކަގެ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެން.ޕީ.ޕީ) އިން ވަނީ ރިޔާސީ އިންތިޚާބަށްފަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ތިންބައިކުޅަ ދެބައިގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ. މިއީ 1980 ގެ އަހަރުތަކުގައި ސްރީލަންކާގެ އިންތިޚާބީ ނިޒާމު އިސްލާޙުކުރި ފަހުން، އެއް ޕާޓީއަކުން މިފަދަ ތާރީޚީ ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ. މިއީ ހަމައެކަނި ވެރިކަން ބަދަލުވުމެއް ނޫނެވެ. މިއީ ސްރީލަންކާގެ ސިޔާސީ މުސްތަޤުބަލު އާ މިސްރާބަކަށް އެނބުރިގެން ދިޔަ އާ ޒަމާނެއްގެ ފެށުމެވެ.

2009 ވަނަ އަހަރު މަހިންދަ ރާޖަޕަކްސަގެ ފުރަތަމަ ދައުރު ނިމުނު ފަހުން، ލަންކާގެ ރައްޔިތުން ތިބީ ސިޔާސީ ލީޑަރުންގެ އިޚްލާޞްތެރިކަމާ މެދު ސުވާލު އުފެދި، ވަރަށް ބޮޑަށް މާޔޫސްވެފައެވެ. 2019 ގައި ގޮތާބަޔަ ރާޖަޕަކްސައަށް ރައްޔިތުން ކުރި އިތުބާރު 2022 ގައި ނިމިގެންދިޔައީ ބޮޑު އިޤްތިސާދީ ކާރިސާއަކާއެކުގައެވެ. އެހެންނަމަވެސް، ރައްޔިތުން މިފަހަރު ނިންމީ ކުރީގެ އާދައިގެ ސިޔާސީ ނިޒާމަށް އެނބުރި ދިއުމުގެ ބަދަލުގައި، އާ ފިކުރަކަށް ފުރުސަތު ދިނުމަށެވެ.

ދިސާނަޔަކަ އިޚްތިޔާރު ކުރުމުގެ މައިގަނޑު ސަބަބަކީ އޭނާއަކީ އިސްލާޙީ ބަދަލުގެ ރަމްޒަކަށް ވުމެވެ. ކޮރަޕްޝަން ނައްތާލުމަށާއި، ދައުލަތުގެ މަގާމުތަކަކީ ރައްޔިތުންގެ އަމާނާތެއްގެ ގޮތުގައި ބެލުމަށް އޭނާ ވެވަޑައިގަތް ވަޢުދުތަކަށް ރައްޔިތުންގެ ބޮޑު ތާއީދެއް ލިބުނެވެ. މިގޮތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ސިޔާސީ ބޭފުޅުންނަށް ލިބިދޭ ބޭކާރު އިނާޔަތްތަކާއި އިމްތިޔާޒުތައް ކަނޑާލާފައެވެ. އަދި ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ދިނުން ހުއްޓުވައި، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަން ވަނީ ފަށާފައެވެ.

އިޤްތިސާދީ ގޮތުން ދިސާނަޔަކަގެ ސަރުކާރުން ގެންގުޅެނީ އުފެއްދުންތެރިކަމަށް ބިނާވި ސިޔާސަތެކެވެ. އައި.އެމް.އެފްގެ ޕްރޮގްރާމާއެކު ކުރިއަށްދާއިރު، އިސްކަންދެނީ ދަނޑުވެރިކަމާއި ސިނާއަތްތައް ކުރިއަރުވައިގެން ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށެވެ. މީގެ އިތުރުން، ޤައުމީ އެއްބައިވަންތަކަން ޤާއިމުކުރުމަށްޓަކައި، ހަނގުރާމައިގެ ސަބަބުން އަސަރުކުރި އުތުރާއި އިރުމަތީގެ ސަރަހައްދުތަކުގެ މައްސަލަތައް ހައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދަނީ ދެމުންނެވެ.

ޚާރިޖީ ސިޔާސަތުގައި ހަމަހަމަކަން އިސްކުރައްވައި، އަވަށްޓެރި އިންޑިއާއާއެކު އޮންނަ ގުޅުން ދަނީ ހަރުދަނާކުރަމުންނެވެ. އެހެންނަމަވެސް، ޤައުމުގެ މަސްލަހަތަށް އުނިކަން އަންނަ ފަދަ އެއްބަސްވުންތައް މުރާޖަޢާކުރުމުގެ ހިތްވަރު ސަރުކާރުން ވަނީ ދައްކާފައެވެ.

ދެވަނަ އަހަރަކަށް ކުރިމަތިލާއިރު، ރައީސް ދިސާނަޔަކައަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިހާރު ފެށިފައިވާ އިސްލާޙީ މަސައްކަތްތައް ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކުރުމެވެ. ސަރުކާރުން މިހާރު ގެންގުޅޭ ކެތްތެރި އަދި ވިސްނުންތެރި ސިޔާސަތުތަކާ އެކު ކުރިއަށްދާނަމަ، ސްރީލަންކާގެ މި އާ ފެށުމަކީ ޤައުމު އިއާދަވެ، ހަމަޖެހުމުގެ މަގަށް އެޅިގެންދާނެ މުހިންމު ބަދަލަކަށް ވާނެއެވެ. ހިތާމަ އަކީ ބައެއް ވެރިން ބައެއް ޤައުމުތަކު ގައި ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވެވޭ ވައުދުތަށް ހަނދާން ނެތުމެވެ.



ކިޔުންތެރިންގެ ހިޔާލު