ފޮޓޯ: ތަރިކަ ވުޒާރާ
ފޮޓޯ: ތަރިކަ ވުޒާރާ
ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ފަންނާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސަލަންސީ އިޝިގާމީ ރުމީކޯ، ދިވެހިރާއްޖޭގެ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއްގައެވެ. އިއްޔެ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ދެ ބޭފުޅުންވެސް އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ފަންނާއި ސަގާފަތުގެ ދާއިރާއިން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ. މިގޮތުން، މިއަހަރަކީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުކަން ސަފީރު އިޝިގާމީ ރުމީކޯ ފާހަގަކުރެއްވިއެވެ.

މި ތާރީޚީ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޖަޕާން ސަރުކާރާއި އެމްބަސީން ރާވާފައިވާ އެކި ހަރަކާތްތަކާ ބެހޭ މަޢުލޫމާތު ސަފީރު ހިއްސާކުރެއްވިއެވެ. އަދި މި ހަރަކާތްތަކުގެ ތެރެއިން ދެ ގައުމުގެ ސަގާފީ މަޢުލޫމާތާއި ތަރިކަ ދަސްކޮށްދީ، ހިއްސާކުރެވޭނެ ގޮތްތަކާމެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ދިވެހިރާއްޖެއިން ޖަޕާނާއެކު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1967 ވަނަ އަހަރުގައެވެ. އޭގެ ފަހުން ވޭތުވެދިޔަ އަހަރުތަކުގައި ޖަޕާން ސަރުކާރުން ދަނީ ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. ވަކިން ޚާއްޞަކޮށް މަސްވެރިކަމާއި، ތަޢުލީމީ ދާއިރާގެ އިތުރުން، ޓެކްނޮލޮޖީއާއި އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ ދާއިރާއިން ޖަޕާނުން ދެމުންގެންދާ އެހީތެރިކަން ދިވެހި ސަރުކާރުން ފާހަގަކުރެއެވެ.

މި ބައްދަލުވުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭރުގެ ގައުމުތަކާއެކު ސަގާފީ އަދި ފަންނީ ގުޅުންތައް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު