ތަޖުރިބާކާރު މެރިން ބަޔޮލޮޖިސްޓް، މޮނިކާ
ތަޖުރިބާކާރު މެރިން ބަޔޮލޮޖިސްޓް، މޮނިކާ
ރާއްޖޭގައި ޑައިވިންއަށް ގޮސް އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ގެއްލިގެން ހޯދަމުންދާ، އަދި ކަނޑުއަޑީގައި މަރުވެފައިވާ ކަމަށް ބެލެވޭ އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރޭގައި ހިމެނޭ ތަޖުރިބާކާރު މެރިން ބަޔޮލޮޖިސްޓް، މޮނިކާ މޮންޓެފަލްކޯން އެންމެ ފަހުން ދެއްކި ވާހަކަތަކުން ވެސް ކަނޑުގެ ދިރުންތަކަށް އޭނާގެ ހިތުގައި އޮތް ފުން ލޯތްބާއި ޝައުގުވެރިކަން ހާމަވެއްޖެއެވެ.

ބޭރުގެ ނޫހެއް ކަމަށްވާ "ނިއުޔޯކް ޕޯސްޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޓަލީގެ ޔުނިވާސިޓީ އޮފް ޖެނޯއާގެ އެސޯސިއޭޓް ޕްރޮފެސާ، އުމުރުން 51 އަހަރުގެ މި ދިރާސާވެރިޔާ ރާއްޖެ އައީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ މާހައުލަށް ކުރާ އަސަރުތައް ދިރާސާ ކުރުމަށެވެ.

މި ހާދިސާ ހިނގުމުގެ ގަޑިއިރުތަކެއް ކުރިން، ބުދަ ދުވަހުގެ ރޭގަނޑު 10:15 އެހާކަންހާއިރު މޮނިކާ އޭނާގެ އެކުވެރިއަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ކަނޑުއަޑީގެ މާހައުލަކީ އާންމުންނަށް އަދިވެސް އެނގިފައިނުވާ މިންވަރަށް ސިއްރުތަކުން ފުރިގެންވާ ތަނެއް ކަމަށާއި، އަމިއްލަ ލޮލުން ނުވަތަ ރޮބޮޓެއްގެ ލެންސުން ވިޔަސް އެ މާހައުލު ބަލައި ދިރާސާކުރުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަމަށެވެ.

ރަސްމީ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ކަނޑުގެ ގާތްގަނޑަކަށް 60 މީޓަރުގެ އަޑީގަ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުރި ކޭވްއެއްގެ ތެރޭގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައެވެ. މިހާދިސާގައި މޮނިކާގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، ބުރާސްފަތި ދުވަހުގެ 18:13 ހާއިރުއެވެ. މި ހާދިސާގައި މޮނިކާގެ އިތުރުން މަރުވެފައިވަނީ އޭނާގެ 22 އަހަރުގެ ދަރިފުޅު ޖޯޖިއާ ސޮމަކަލްއާއި، ދިރާސާވެރިއެއް ކަމަށްވާ 31 އަހަރުގެ މުރިއަލް އޮޑެނީނޯގެ އިތުރުން، ރާއްޖޭގެ މުރަކައިގެ ދިރުންތަކާ ބެހޭގޮތުން ތީސީސް ލިޔެފައިވާ 31 އަހަރުގެ ދަރިވަރު ފެޑެރިކޯ ގުއަލްޓިއޭރީއެވެ.

މީގެ އިތުރުން، ކުރިން ބޭންކަރެއްގެ ވަޒީފާގައި އުޅުމަށްފަހު ޑައިވިންއަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން މީގެ އަށް އަހަރު ކުރިން ރާއްޖެއަށް ބަދަލުވި، އުމުރުން 44 އަހަރުގެ ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެއްޓީ ވެސް މި ހާދިސާގައި ވަނީ ދުނިޔެ ދޫކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން މޮނިކާގެ ފިރިމީހާ ކާލޯ ސޮމަކަލް އިޓަލީގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނާގެ އަންހެނުންނަކީ ދުނިޔޭގައި ތިބި އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރެއިން އެކަކު ކަމަށާއި، އޭނާއަކީ ދުވަހަކު ވެސް ނުރައްކާތެރި ގޮތަކަށް އަމަލުކުރާނެ ނުވަތަ އަމިއްލަ ދަރިފުޅާއި އެހެން ޒުވާނުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅާނެ ފަދަ ކަމެއް ކުރާނެ މީހެއް ނޫން ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި ކަނޑުގެ އަޑީގައިވާ ކަމަށް ބެލެވޭ 4 މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތްތަކެއް ރަސްމީ އިދާރާތަކުން އަންނަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު