ޝަފްރާޒް ނައީމް
ޝަފްރާޒް ނައީމް
ވ. އަތޮޅު އަލިމަތާ ކައިރީގައި ކަނޑުއަޑީގެ ކޭވެއް ބަލަން އުޅުމުގެ ތެރޭގައި، ގެއްލިފައިވާ އިޓަލީގެ ޑައިވަރުންނަކީ އެފަދަ ފުންމިނަކަށް ފީނުމަށް ދިވެހި ސަރުކާރުން ހުއްދަ ދީފައިވާ ބައެއް ނޫން ކަމަށާއި، އުސޫލުތަކާ އެއްގޮތަށް އަމަލުކުރި ނަމަ އެމީހުން މިއަދު ދިރިތިބޭނެ ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނައީމް ބުނެފިއެވެ.

ޝަފްރާޒަކީ އެ ހާދިސާ ހިނގި ކޭވް ސަރަޙައްދަށް 50 އަށްވުރެ ގިނަ ފަހަރު ފީނާފައިވާ، އެ ސަރަހައްދުގެ ފުންމިނާއި ނުރައްކާތެރިކަން ރަނގަޅަށް ދަންނަ ތަޖުރިބާކާރެކެވެ.

އިޓަލީގެ މި ފަސް ޑައިވަރުންގެ ތެރެއިން އެކަކު މަރުވެފައިވާއިރު 4 މީހުން ވަނީ ގެއްލިފައެވެ. މި ޙާދިސާ ހިނގާފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު އަލިމަތާ ކޭވްގެ ގާތްގަނޑަކަށް 160 ފޫޓު ފުންމިނުގައެވެ. މި ހާދިސާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ޑައިވިންގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާހުރި ޝަފްރާޒް ނައީމް ބުނީ، "މި ހާދިސާގައި އުސޫލުތަކާ ވަނީ ހިލާފުވެފައިކަން އެންމެންނަށްވެސް އެނގޭ" ކަމަށެވެ.

އޭނާ އިޓަލީގެ 'އަންސާ' ނިއުސް ސާވިސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އެ ކޭވްގެ ދޮރު ހުންނަނީ 180 އާއި 190 ފޫޓާ ދެމެދުގެ ފުންމިނެއްގައި ކަމަށެވެ. އަދި އެތެރެއަށް 330 ފޫޓަށްވުރެ ދުރަށް، ހަނި ބޮޅުތަކަކާއި ބޮޑެތި ވަޅުގަނޑުތަކެއްގެ ގޮތުގައި އެ ކޭވް ދެމިގެން ގޮސްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ރާއްޖޭގެ ގަވާއިދުތައް ބުނާގޮތުން، ރެކްރިއޭޝަނަލް ޑައިވް ކުރާ މީހުންނަށް އެންމެ ފުންވެގެން ފީނޭނީ 100 ފޫޓަށެވެ. މި ޑައިވަރުން ދަތުރުކުރި 'ޑިއުކް އޮފް ޔޯކް' ސަފާރީއަކީ ޕަޑީ ފައިވް ސްޓާ ސަފާރީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެކެވެ. މި ހާދިސާއާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން ވަނީ މިދިޔަ ހުކުރު ދުވަހު އެ އުޅަނދުގެ ލައިސަންސް ސަސްޕެންޑް ކޮށްފައެވެ. މި މައްސަލަ ދިވެހި ފުލުހުންނާއި އިޓަލީގެ ޕްރޮސެކިއުޓަރުން އަންނަނީ ތަހުގީގު ކުރަމުންނެވެ.



އިޓަލީގެ 'އަލްބަޓްރޮސް' ޓުއާ ކުންފުނިންނާއި ޔުނިވާސިޓީ އޮފް ޖެނޯއާއިން ބުނެފައިވަނީ، އެހާ ފުންމިނަށް ފީނުމުގެ އެއްވެސް ހުއްދައެއް އެފަރާތްތަކުން ދީފައި ނުވާނެ ކަމަށެވެ.

ޝަފްރާޒް ލަފާކުރާ ގޮތުގައި ޑައިވަރުން މަރުވާން މެދުވެރިވީ ގޭސް ހުސްވުމާއި، ނައިޓްރޯޖަން ނާކޯސިސް އަދި ފެންނަ ފެނުން ކުއްލިއަކަށް ފުސްވުމުގެ ސަބަބުންނެވެ. "ކޭވްތަކަކީ އެއްވެސް ރައްކާތެރިކަމެއް އޮތް ތަނެއް ނޫން، އެއީ ކަމެއް ދިމާވެއްޖެނަމަ ސީދާ މައްޗަށް އެރޭނެ ގޮތެއް ނޯންނާތީ. އެންމެ ތަޖުރިބާކާރު ޑައިވަރުންނަށްވެސް މިފަދަ ތަންތަނުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވޭ،" އޭނާ ބުންޏެވެ.

މި ހާދިސާގައި މިހާތަނަށް ފެނިފައިވަނީ ހަމައެކަނި 44 އަހަރުގެ ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑެވެ. އެހެން މީހުންގެ ހަށިގަނޑުތައް ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އަށް ޑައިވަރުންގެ ޓީމަކުން ހޮނިހިރު ދުވަހު ކުރި މަސައްކަތުން އިތުރު މީހެއްގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ. އަދި މި ހަރަކާތުގެ ތެރޭގައި ކޯސްޓްގާޑުގެ ޑައިވަރަކުވެސް ވަނީ ނިޔާވެފައެވެ.

އޭނާ ނިޔާވީ "ޑިކޮމްޕްރެޝަން ސިކްނަސް" ނުވަތަ ޑައިވް ކުރުމަށްފަހު މައްޗަށް އެރުމުގައި ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށް ބެލެވެއެވެ. ގެއްލުނު ޑައިވަރުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ފިންލޭންޑްގެ ހާއްސަ ޓީމެއް މިހާރު ވަނީ ރާއްޖެއަށް އައިސްފައެވެ.

މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ޔުނިވާސިޓީ އޮފް ޖެނޯއާގެ ފަރާތުން މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާއެއް ކުރުމަށް ރާއްޖެ އައިސް އުޅުނު އުމުރުން 51 އަހަރުގެ މެރިން ބަޔޮލޮޖިސްޓް މޮނިކާ މޮންޓެފަލްކޯން ހިމެނެއެވެ. އޭނާއާއެކު އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް (22 އަހަރު) އާއި އެ ޔުނިވާސިޓީގެ ރިސާޗް ފެލޯއެއް ކަމަށްވާ މުރިއެލް އޮޑެނީނޯ (31 އަހަރު) ވެސް ވަނީ ގެއްލިފައެވެ.

މީގެ އިތުރުން އެ ޔުނިވާސިޓީން މާސްޓާސް ހާސިލްކޮށްފައިވާ އަދި ރާއްޖޭގެ ފަރުތަކާ ބެހޭގޮތުން ތީސީސް ލިޔުނު ފްރެޑެރިކޯ ގުއަލްޓިއޭރީ (31 އަހަރު) ވަނީ ގެއްލިފައެވެ. ކަނޑުއަޑީގެ މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރާއްޖޭގެ ޑައިވިންގ އުސޫލުތަކަށް އިތުރަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު