ވ. އަތޮޅު ޝާރކް ކޭވުގައި ޑައިވުކުރަން އުޅެނިކޮށް މަރުވި 05 ފަތުރުވެރިން / ފޮޓޯ: އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް - ރަސްއޮންލައިން
ވ. އަތޮޅު ޝާރކް ކޭވުގައި ޑައިވުކުރަން އުޅެނިކޮށް މަރުވި 05 ފަތުރުވެރިން / ފޮޓޯ: އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް - ރަސްއޮންލައިން
ވ. އަތޮޅުގެ ކަނޑުއަޑީގައި ހުރި ނުރައްކާތެރި ހޮހަޅައަކަށް ފީނަން އުޅުމުގެ ތެރޭގައި އިޓަލީގެ ފަސް ފަތުރުވެރިއަކު މަރުވި ހިތާމަވެރި ހާދިސާގެ ބިރުވެރި ތަފްޞީލްތައް ބައިނަލްއަޤުވާމީ މީޑިއާތަކުން ހާމަކޮށްފިއެވެ.

"ޑެއިލީ މެއިލް" ނޫހުގައި ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި ފީނުމުގެ ދާއިރާގެ ލޯކަލް ތަޖުރިބާކާރުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ތިން ބަޔަކަށް (ޗޭމްބަރުތަކަކަށް) ބެހިގެންވާ އަދި އާންމު ފަތުރުވެރިންނަށް ވަނުން މަނާ، "ޝާކް ކޭވް" ގެ ނަމުން މަޝްހޫރު ތިންވަނަ ކަނޑު ސަރަހައްދުގައި ހުރި ފުން ހޮހަޅައެއްގެ ތެރޭގައެވެ. މި ހޮހަޅައަކީ އާންމުކޮށް މިޔަރުތައް އަރާމުކުރަން ވަދެއުޅޭ، ވަރަށް ހަނި އަދި އަނދިރި ތަނެކެވެ.

މި ހާދިސާގައި މަރުވެފައިވަނީ އިޓަލީގެ ޖެނޯއާ ޔުނިވަރސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި، އޭނާގެ 20 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލްގެ އިތުރުން ކަނޑުގެ ދިރާސާވެރިން ކަމަށްވާ މުރިއެލް އޮޑެނީނޯ، ފެޑެރިކޯ ގުއަލްޓިއޭރީ އަދި ޑައިވް އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީ އެވެ.

މި ގްރޫޕް ވ. އަތޮޅު އަލިމަތާ ކައިރިން ފީނަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް، މެންދުރުން އަނބުރާ 1:45 އެރިއިރުވެސް އެމީހުން މައްޗަށް ނޭރުމުން، އެމީހުން ދަތުރުކުރި "ޑޫކް އޮފް ޔޯކް" ނަމަކަށް ކިޔާ ސަފާރީން ވަނީ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށްފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނުތައް ބުނާގޮތުން ޑައިވްކުރެވޭނެ އެންމެ ފުން މިނަކީ 30 މީޓަރު (ގާތްގަނޑަކަށް 100 ފޫޓް) ކަމަށްވިޔަސް، މި ގްރޫޕުން ވަނީ 50 އާއި 60 މީޓަރު (160 އަށްވުރެ ގިނަ ފޫޓު) އަޑިއަށް ގޮސް، ޚާއްޞަ ހުއްދައަކާއި ތަމްރީނެއް ނެތި ވަނުން މަނާ ހޮހަޅައިގެ ތެރެއަށް ވަދެފައެވެ.

އެމްއެންޑީއެފް އާއި ކަމާބެހޭ ފަރާތްތަކުން ހިންގި ހޯދުމުގެ އޮޕަރޭޝަނުގައި، އެންމެ ފުރަތަމަ ފެނުނީ ހޮހަޅައިގެ ދޮރުމަތިން އޮޔާދަނިކޮށް ޑައިވް އިންސްޓްރަކްޓަރު ބެނެޑެޓީގެ ހަށިގަނޑެވެ. ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ހޯދުމަށް ފިލްލޭންޑްގެ މާހިރު ޑައިވަރުންގެ ޓީމަކުން ކުރި މަސައްކަތުން، އެމީހުން ފެނިފައިވަނީ ހޮހަޅައިގެ އެންމެ އެތެރޭގައިވާ، އަދި އެންމެ ބޮޑު ތިންވަނަ ޗޭމްބަރުގެ ތެރެއިން އެކުގައެވެ.

މި ހިތާމަވެރި ހާދިސާގެ ބިރުވެރިކަން އިތުރުވެގެންދިޔައީ، ގެއްލުނު ފަތުރުވެރިން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި އުޅުނު އެމްއެންޑީއެފްގެ ކޯސްޓްގާޑް ޑައިވަރެއް ކަމަށްވާ މުހައްމަދު މަހުދީ، ކަނޑުގެ ފުންމިނުން މައްޗަށް އެރިއިރު ދިމާވި ޑިކޮމްޕްރެޝަން ސިކްނެސް (ބެންޑްސް) ގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވުމާ ގުޅިގެންނެވެ.

މިއާއެކު މި ހާދިސާގައި ޖުމްލަ 6 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ. އެމްއެންޑީއެފްގެ ކުރީގެ ތަޖްރިބާކާރު ޑައިވަރު ޝަފްރާޒް ނަޢީމް މީޑިއާތަކަށް މަޢުލޫމާތު ދެމުން ވިދާޅުވެފައިވަނީ، މި ޑައިވްގައި ސަލާމަތީ ގިނަ ޤަވާއިދުތަކަކާ ޚިލާފުވެފައިވާ ކަމަށާއި، އެހާ ފުން އަދި ހަނި ހޮހަޅައަކަށް ވަނުމަކީ މަގުއޮޅުމާއި، އަނދިރިވުމާއި، އޮކްސިޖަން ހުސްވުން ފަދަ ނުރައްކާތަކަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

މި ހާދިސާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައިވެސް ހިނގި އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ ބަޔަކު މަރުވި ޑައިވިންގ ހާދިސާއެވެ. ފިލްލޭންޑްގެ އެލީޓް ޑައިވަރުން މިހާރު ދަނީ ހޮހަޅައިގެ ތެރޭގައި ތާށިވެފައި ހުރި ހަށިގަނޑުތައް ބޭރަށް ނެރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މަރުވި ޕްރޮފެސަރު މޮނިކާގެ ފިރިމީހާ ބުނެފައިވާ ގޮތުގައި، އޭނާގެ އަތުގައި އޮތް ގޯޕްރޯ ކެމެރާ ފެނިއްޖެނަމަ، އެ ކަނޑުއަޑީގެ އަނދިރި ހޮހަޅައިގެ ތެރޭގައި އެމީހުންނަށް ދިމާވި ބިރުވެރި ޙަޤީޤަތް ސާފުވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު