ހޮހަޅައަށް ޑައިވް ކުރި ފިންލޭންޑުގެ ޑައިވަރުން
ހޮހަޅައަށް ޑައިވް ކުރި ފިންލޭންޑުގެ ޑައިވަރުން
މިމަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ނުރައްކާތެރި ހޮހަޅައަކަށް ފީނުމަށްފަހު، ހޮހަޅައިގެ ތެރޭގައި ތާށިވެ އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ޙާދިސާއަކީ، ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން މިއަދު ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ ހަމައެކަނި އެ ހިތާމަވެރި މަރުތަކަކަށް ނޫނެވެ. އެއަށްވުރެ މާ ބާރުގަދަ، އިންސާނިއްޔަތުކަމުން ފުރިގެންވާ މެސެޖެއް މި ހާދިސާގެ ތެރެއިން ވަނީ ލިބިގެން ގޮސްފައެވެ.

އެއީ ހޮހަޅައިގެ ތެރޭގައި ތާށިވި އިޓަލީގެ ފަތުރުވެރިންގެ ހަށިގަނޑުތައް ހޮހަޅައިން ނެރުމުގެ ނުރައްކާތެރި މަސައްކަތުގައި ބައިވެރިވި ފިންލޭންޑަށް ނިސްބަތްވާ "ޑޭން"ގެ ތިން ފީނުންތެރިން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަރލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓްގެ ވަރުގަދަ މެސެޖެވެ. ކަނޑުގެ ގަދަ އޮއިވަރާއި، އެތައް މީޓަރެއްގެ ފުންމިނުގައި، އަދި ކަނު އަނދިރިކަމުގެ ތެރޭގައި ފުރާނަ އަތްމައްޗަށް ލައިގެން މި 3 ޑައިވަރުން ކުރި މަސައްކަތަށް އެއްވެސް އުޖޫރައެއް ނުވަތަ ފައިސާއެއް ނެގުމަށް އެމީހުން ވަނީ އިންކާރުކޮށްފައެވެ.

ދުނިޔޭގެ އެންމެ ނުރައްކާތެރި ތަންތަނުގެ ތެރޭގައި ހިމެނޭ މިފަދަ ހޮހަޅައަކަށް ވަދެ، އެއްވެސް މީހަކު ތަޖުރިބާކުރަން ބޭނުންނުވާނެ ފަދަ ބިރުވެރި މަންޒަރުތައް ގާތުން ފެނުމަށްފަހު، އެނބުރި އައިސް އެމީހުން އެދުނީ އެންމެ ކަމަކަށެވެ. އެއީ އެއްވެސް ފައިސާއެއް ނުދިނުމަށެވެ. މިއަދުގެ ދުނިޔޭގައި ކޮންމެ ކަމަކުން މަޝްހޫރުކަމާއި މާލީ މަންފާ ހޯދަން މަސައްކަތްކުރާ މީހުން ގިނަވެފައިވާއިރު، މި ތިން ފީނުންތެރިން އިޚްތިޔާރުކުރީ ހިމޭންކަމެވެ.



The first striking images from the cave system, captured during the final dive of the mission by Sami Paakkarinen for DAN.


މި ތިން މީހުން ދުނިޔެއަށް ހަނދާންކޮށްދިނީ އިންސާނިއްޔަތުކަމުގެ މުހިންމުކަމެވެ. އެމީހުންނަށް މި މަސައްކަތަކީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. އެއީ އިންސާނީ މިޝަނެކެވެ. އެ މަސައްކަތުގެ މަގުސަދަކީ ހިތާމައިން މޯޅިވެފައިވާ އާއިލާތަކަށް އެމީހުންގެ ލޯބިވާ މީހުންގެ ހަށިގަނޑުތަކާ އެކު ފަހުގެ ވަދާޢީ ސަލާމް ބުނުމުގެ ފުރުސަތު ހޯދައިދިނުމެވެ. އުއްމީދާއި މާޔޫސްކަމުގެ މެދުގައި ތާށިވެފައި ތިބި އާއިލާތަކަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ހޯދައިދިނުމެވެ.



The first striking images from the cave system, captured during the final dive of the mission by Sami Paakkarinen for DAN.


އަދުގެ މުޖުތަމައުގައި ކުޑަ ކަމެއް ކޮށްލުމަށްފަހު އަޑުގަދަކޮށް، ތައުރީފަށް އެދޭ މީހުން ގިނަ ނަމަވެސް، ސާމީ އާއި ޖެނީ އަދި ޕެޓްރިކް ފަދަ މީހުން ސާބިތުކޮށްދިނީ ހަގީގީ އިންސާނިއްޔަތުކަން ދަންނަ މީހުން އަދިވެސް ދުނިޔޭގައި އުޅޭކަމެވެ. ބައެއް ކަންކަމަކީ ފައިސާއަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. އެއީ ހިތުގެ އަޑިން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވޭތީ ކުރާ ކަންކަމެވެ.

މިފަދަ މަތިވެރި ނަމޫނާއަކަށް ދެވޭނެ އެންމެ ރަނގަޅު ރައްދަކީ ހިމޭންކަމާއެކު އެމީހުންނަށް ޝުކުރު އަދާކުރުމެވެ. ޝުކުރިއްޔާ ސާމީ، ޝުކުރިއްޔާ ޖެނީ، އަދި ޝުކުރިއްޔާ ޕެޓްރިކްއެވެ. ތިޔަބޭފުޅުން ތިޔަ ހަނދާންކޮށްދިނީ އިންސާނިއްޔަތުގެ އަގަކީ ފައިސާއިން މިނޭނެ އެއްޗެއް ނޫންކަމެވެ.



ކިޔުންތެރިންގެ ހިޔާލު