ހއ. ދިއްދޫއަށް ނިސްބަތްވާ އެމްޑީޕީގެ އާންމު މެންބަރެއް
ހއ. ދިއްދޫއަށް ނިސްބަތްވާ އެމްޑީޕީގެ އާންމު މެންބަރެއް
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމަކީ "ހަމަ ސަތޭކައިގެ ކުއްޖެއް" ކަމަށާއި، ޕާޓީގެ ދުވަސްވީ އިސް ބޭފުޅުން އޭނާގެ ފަހަތުގައި ސާބިތުވެ ތިއްބެވުމަށް ހއ. ދިއްދޫއަށް ނިސްބަތްވާ އެމްޑީޕީގެ އާންމު މެންބަރަކު ގޮވާލައިފިއެވެ.

މީކާއިލްގެ ކެމްޕޭންގެ ތެރެއިން ދިއްދޫގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަމުން އެ ރަށު އެމްޑީޕީގެ ސަޕޯޓަރަކު ވަނީ، ޕާޓީގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި ޒުވާން ލީޑަރުންނަށް ފުރުސަތު ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، ޕާޓީގައި ތިއްބެވި ދުވަސްވީ އަދި ތަޖުރިބާކާރު ބޭފުޅުންގެ ޒިންމާއަކަށް ވާންވީ މިފަދަ ޒުވާން، ގާބިލު ކުދިންނަށް އެހީތެރިކަމާއި އެއްބާރުލުންދީ، އެ ކުދިން ކުރިއަށް ނެރުން ކަމަށެވެ.

އަދި މީކާއިލަކީ ޕާޓީގެ ހަމަހަމަކަމާއި ބަދަހިކަން ހިފެހެއްޓޭނެ ފަދަ ސިޔާސީ ގޮތުން އިތުބާރު ހުރި ސާފު ސަހުސިއްޔަތެއްކަން ފާހަގަކޮށް، ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އޭނާއަށް ވޯޓު ދިނުމަށް ދިއްދޫގެ މެންބަރުންގެ ކިބައިން ވަނީ އެދިފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ ފޯރިގަދަ އިންތިޚާބުގެ ކެމްޕޭން ރާއްޖޭގެ އެކި ހިސާބުތަކުގައި ބާރުގަދައަށް ކުރިއަށްދާއިރު، މީކާއިލްގެ ބޮޑު އަމާޒަކީ ޕާޓީ އެއްބައިވަންތަކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީ ވަރުގަދައަށް ރާވާލުން ކަމަށް އޭނާގެ ކެމްޕޭން ޓީމުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު