މީގެ ކުރިން އަތުލައިގަތް ޑްރަގްސް
މީގެ ކުރިން އަތުލައިގަތް ޑްރަގްސް
ރާއްޖެއަށް އައިއިރު ބޫޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު އިންޑިއާގެ ފިރިހެނަކު އަތުލައިގަނެ ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ސޫރަޖް ކަރުވާރު ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރު، ލަގެޖް ތެރޭގައި އޮތް ކޮތަޅެއްގައި އޮތް ދެ ޓެނިސް ބޫޓު ކިބައިގެ ތެރޭގައި މަސްތުވާތަކެތި ހުރުމުންނެވެ.

މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކެޓްގައި ހުރި ތަކެތި ޓެސްޓުކުރިއިރު ވަނީ ޓީއެޗްސީ އަށް ޕޮޒިޓިވް ވެފައެވެ.

ބަންދަށް ކުރު މުއްދަތެއް ދީފައިވަނީ ދައުލަތުގެ ވަކީލެއްގެ ފުރުސަތަށް އޭނާ އެދިފައިވާތީ ކަމަށް ކޯޓުން ބުނެއެވެ. އޭނާގެ މައްޗަށް ކުރެވެނީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ތުހުމަތު ކަމަށް އަމުރުގައި ބުނެފައިވީ ނަމަވެސް، އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނެއް ކޯޓު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އިންޑިއާ މީހުން އިތުރުވަމުންދާތީ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ އެ ގައުމުގެ ރައްޔިތުންނަށް ހާއްސަ އެޑްވައިޒަރީއެއް މިދިޔަ މަހު ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު