ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް ނަސީމް
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙުމަދު ނަސީމް، އައްޑޫ ސިޓީއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ޕާޓީގެ ހިންގުން ހަރުދަނާކޮށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމު ޕްލޭނެއް ހާމަކުރައްވައިފިއެވެ.

އޭނާގެ އުފަން ރަށް ކަމަށްވާ ސ. ހުޅުދޫގައި ހުންނަވައި، އައްޑޫ ބަހުން ދެއްވި ޚާއްޞަ މެސެޖެއްގައި މީކާއީލް ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް ނޫން ގޮތްގޮތަށް ޕާޓީގެ ހަރަކާތްތައް މެދުކެނޑިފައި އޮތުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށެވެ. މި ދަތުރުފުޅުގައި ބުރާސްފަތި ދުވަހު މީދޫގައި އަދި ހުކުރު ދުވަހު ހުޅުދޫގައި ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތްތަކަށްފަހު މީކާއީލް ފާހަގަކުރެއްވީ، އިންތިޚާބެއް ނެތް ދަނޑިވަޅުތަކުގައި ޕާޓީގެ ހިންގުން ހުއްޓިފައި އޮތުމުގެ ޝަކުވާ އާންމުންގެ ފަރާތުން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި އައްޑޫގެ އެހެން ރަށްރަށުގައިވެސް މިފަދަ ހަރަކާތްތައް ބާއްވައި، އިންތިޚާބަކާ ނުގުޅި ދާއިމީ ގޮތެއްގައި ޕާޓީގެ ހަރަކާތްތައް ކުރިއަށްދާނެ މަގެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އަތޮޅުތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް ވަޅުޖެހި، މަޑުޖެހެން ފުރުސަތު ނުދެއްވާނެކަމަށް މީގެ ކުރިންވެސް ވައުދުވެވަޑައިގެންފައިވާ މީކާއީލް ވިދާޅުވީ، ރަށްރަށުގެ ޖަގަހަތައް ހިންގުމަށް ހުރި އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ ވަސީލަތްތައް ނެތުން ކަމަށެވެ. މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޖަގަހަތައް ދިރުވައި، ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ޕާޓީގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ. އަދި ޕާޓީގެ ހިންގުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެންނާނީ އާންމު މެންބަރުންގެ އިރުޝާދާއި ލަފާގެ މަތިން ކަމަށްވެސް ވިދާޅުވިއެވެ.

ޕާޓީގެ މުސްތަގުބަލު ބިނާކުރުމުގައި ޒުވާނުންގެ ދައުރު ބޮޑުކުރަންޖެހޭކަން ފާހަގަކުރައްވަމުން މީކާއީލް ވަކާލާތު ކުރެއްވީ، އެމްޑީޕީގެ ހިންގުމުގެ އިސް ސަފުން ޒުވާން މޫނުތައް ފެންނަން ޖެހޭ ކަމަށެވެ. ސިޔާސީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުންނަށް ފުރުސަތުތައް ތަނަވަސްކޮށްދީ، މެންބަރުންގެ އިތުބާރު އަލުން ހޯދުމަކީ އޭނާގެ އެންމެ އިސް އަމާޒެވެ. މީގެ އިތުރުން، އާންމު މެންބަރުންނާއި ކައުންސިލް މެންބަރުންނަށް ޕާޓީގެ ނިންމުންތަކުގައި ބަސްކިޔޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، އޭނާގެ ޗެއަރޕަރސަންކަމެއްގައި ކޮންމެ މެންބަރަކަށްވެސް ޕާޓީގެ ކުރީ ސަފަށް އައުމުގެ މަގު ފަހިވެފައި އޮންނާނެ ކަމަށް މީކާއީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު