ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައިވާ ގޮތުން މުސްލިމަކަށް ނޫނީ ދިވެއްސަކަށް ނުވެވޭނެއެވެ. މިއީ ދިވެއްސަކަށްވުމުގެ އެންމެ ފުރަތަމަ ޝަރުތެވެ. މިކަން ބަދަލުކުރަން ހީލަތްތެރި ރޭވުންތަކެއްގެ ތެރެއިން ބަޔަކު އުޅުނަސް އަދި އެކަން އޮތީ ނުވެފައެވެ. މިއަދު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ނިއުޒިލެންޑުގެ ޕާލިމަންޓަށް ދިވެއްސަކު އިންތިޚާބުވި ވާހަކައެވެ.

މިކަމާ އުފަލުން ބަޔަކު މީހުން އަތުން ހަންދާވަރަށް އަތް ޖަހަނީއެވެ. އަނެއް ބަޔަކު އުފަލުން ކޮޅުނެތްކޮޅަށް މަރުހަބާ ކިޔާ ހެޔޮއެދުންތަކުގެ ޖިޒީތައް ފޮނުވާ ނަގަނީއެވެ. މިކަމާއި އުފާފުޅުން ނިއުޒީލެންޑްގެ ބޮޑުވަޒީރަށް ވިދާޅުވި މަރުހަބާގެ ޓްވީޓްގައި ކޮއްކޯފުޅު ބޮޑުވަޒީރުގެ ޕާޓީއަށް ގޮނޑިއެއް ކާމިޔާބުކޮށްދެއްވި ކަމަށް ވިދާޅުވެ ފަޚުރުވެރި ކަމާއިއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް އެކަން ފާހަގަ ކުރަށްވަނީއެވެ.

ދިވެއްސަކަށް ނިއުޒީލެންޑްގެ ޕާލިމެންޓުން ގޮނޑިއެއް ލިބުނީތީ ނޫނީ ކާމިޔާބު ކުރެއްވީތީ އެކަމާ އުފަލުން އަތްތިލަބަޑި ޖައްސަވާ ބޭފުޅުން، މީ ކިހިނެެއްވާ ކަމެއްތޯވެސް ބަލައެއްނުލައެވެ. ނިއުޒިލެންޑުގެ ޕާލިމެންޓަށް އިންތިޚާބުވި ދިވެއްސެއްކަމަށް ބުނާ ޑރ، އައިޝާ ވެރާލްއަށް ހަމަ ފޯރިއާއެކު ތައުރީފްކޮށް ހުޝާމަދުކުރަނީއެވެ. މިއުފަލުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ އެންމެ މަތީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ފެށިގެން، އެންމެ އާދައިގެ ރައްޔިތުންވެސް ހިމެނެއެވެ.



އައިޝާ ވެރާލް ނަމަކަށް ކިޔާ މި އަންހެނާއަކީ ނިއުޒިލެންޑުގެ ވެލިންޓަން ތަމްސީލްކުރަން އެޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް ހޮވުނު މީހެކެވެ. އޭނާ ނިސްބަތްވަނީ ނިއުޒީލެންޑުގެ އިންތިޚާބު ކާމިޔާބުކުރި ލޭބަރ ޕާޓީއަށެވެ. ދިވެއްސަކު ބޭރު ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވުމަކީ ދިވެހިން އެކަމާމެދު ފަޚުރުވެރިވާނޭކަމެކެވެ. ނަމަވެސް އައިޝާ ވެރާލްއަކީ ދިވެއްސެކޭ ބުނެވޭކަށް ނެތެވެ. ހަމަޤައިމުވެސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ބުނާގޮތުން އޭނާއަކީ ދިވެއްސެއް ނޫނެވެ. ދިވެއްސަކަށްވުމަށް ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބުނާ ޝަރުތުތަކެއް އެ ބުނާ އައިޝާ ވެރާލްގެ ހަމައެއް ނުވެއެވެ.

ފުރަތަމަ ކަމަކަށް އައިޝާ ވެރާލްއަކީ މުސްލިމެއް ނޫނެވެ. އޭނާއަކީ މުސްލިމެއް ނޫންކަމަށް ބުނެފައިވަނީ އޭނާ އަމިއްލައަށެވެ. މިއަހަރުގެ މޭމަހުގެ 24 ވަނަ ދުވަހު އައިޝާ ވެރާލް ކުރެއްވި ޓްވީޓުން މިކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. އެ ޓްވީޓްގައި އޭނާއަކީ މުސްލިމެއް ނޫންކަމަށް ވަރަށް ސާފުކޮށް ބުނެއެވެ.



މުސްލިމަކަށް ނުވާތަނުގައި، އޭނާއަކީ އެއް ޖިންސުން ގުޅުން ހިންގުމަށްވެސް ތާޢީދުކުރާ މީހެއްކަމަށް ރާއްޖެއާއި ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އެހެންކަމުން މިހާރު ސުވާލަކީ މުސްލިމަކަށް ނުވާ މީހަކު، އަދި އެއް ޖިންސުން ގުޅުން ހިންގުމަށް ތާޢީދުކުރާ މީހަކަށް ދިވެހި ޕާސްޕޯޓެއް ގެންގުޅެވެނީ ކޮން އުސޫލަކުންތޯއެވެ. މިކަމާމެދު ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



މުސްލިމެއް ނޫންކަމަށް ބުނާ މީހެއްގެ އަތުގައި ދިވެހި ޕާސްޕޯޓެއް އޮންނަ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އޭނާއަކީ ރައީސް މުހައްމަދު ނަޝީދުގެ ދެބެންގެ ދެދަރި ބޭފުޅެކެވެ. އައިޝާގެ މަންމައަކީ ނަޝީދުގެ މަންމާފުޅުގެ ކޮއްކޯފުޅެވެ. އެހެންކަމަށްވާނަމަ އޭނާ އަތުގައި އޮތް ދިވެހި ޕާސްޕޯޓް އަތުލުމަކީ ނާދިރު ކަމެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެކަމަކު އެ ޕާސްޕޯޓަކީ ދިވެހި ގާނޫނު އަސާސީ ބުނާ ގޮތުންނަމަ "ވެލިޑް" އެއްޗަކަށް ނުވާނެއެވެ. ނޫނީ ގާނޫނު އަސާސީ ބުނާ ގޮތުން އޭނާގެ ކިބައިން ދިވެއްސެއްކަން ކެނޑުނު ހިސާބުން އެއީ ސަރުކާރުގެ ކަމާބެހޭ ފަރާތުން ކެންސަލް ކުރަން ޖެހޭ އެއްޗެކެވެ. އަދި އޮތަސް އެވާނީ ރަމްޒީ އެއްޗަކަށެވެ.



ކިޔުންތެރިންގެ ހިޔާލު