ބޯރފޮސްޓް ކެސްލް
ބޯރފޮސްޓް ކެސްލް
ދެކުނު ލުބުނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ސްޓްރެޓީޖިކް ގޮތުން މުހިންމު ބިނާއެއް ކަމަށްވާ ބޯފޯޓް ކާސަލް ހިފުމަކީ އަސްކަރީ ގޮތުން ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ސިފަކުރައްވައިފިއެވެ.

12 ވަނަ ގަރުނުގެ ތާރީޚީ ބިނާއެއް ކަމަށްވާ ބޯފޯޓް ކާސަލް އިސްރާއީލުގެ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވަނީ، މިދިޔަ ހުކުރު ދުވަހު ލިޓާނީ ކޯރު ހުރަސްކޮށް އެ ސަރަހައްދަށް ވަދެގަތުމަށްފަހުއެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި، މި ސަރަހައްދު ހިފުމަކީ އިސްރާއީލުގެ އުތުރުގެ އަވަށްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި އުދުވާނުތަކާ ގުޅިގެން އިސްރާއީލުން ވަނީ ދެކުނު ލުބުނާނުގެ ޒަހްރާނީ ކޯރުގެ ދެކުނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަމުރުކޮށްފައެވެ. މިއީ ނަބަޠިއްޔާ ސިޓީއަށް ހަމަލާދިނުމުގެ ކުރިން އިސްރާއީލުން ފުޅާކުރަމުންދާ އުދުވާނުގެ ބައެއް ކަމަށް ބެލެވެއެވެ. އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ އަދްރާއީ ވަނީ، އެ ސަރަހައްދުގައި މަޑުކުރާ ކޮންމެ މީހަކީ މަރުގެ ނުރައްކަލަށް ހުށަހެޅިފައިވާ މީހެއް ކަމުގެ އިންޒާރުވެސް ދީފައެވެ.

އިސްރާއީލުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް ބުނި ނަމަވެސް، ހިޒްބުالله އިން ދަނީ އިސްރާއީލުގެ ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން ޑްރޯން ހަމަލާތަކުގައި އިސްރާއީލުގެ ސިފައިން މަރުވަމުންދާކަން އެ ޤައުމުން ވަނީ ކަށަވަރުކޮށްދީފައެވެ. ހިޒްބުالله އިން މި ހަމަލާތަކުގައި ބޭނުންކުރާ ފައިބަރ-އޮޕްޓިކް ޑްރޯންތަކަކީ ރޭޑާރަށް ނުފެންނަ އަދި އިލެކްޓްރޯނިކް ވަސީލަތްތަކުން ހުއްޓުވަން އުނދަގޫ ނުރައްކާތެރި ހަތިޔާރެކެވެ.

މި ހަމަލާތަކާ ގުޅިގެން ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވަނީ އިސްރާއީލުން ހިންގަމުންދާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އިސްރާއީލުގެ މި އަމަލުތަކަކީ މުޅި ސަރަހައްދު ސުންނާފަތިކޮށް، އާންމު ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަދަބެކެވެ. މި އުދުވާނުގެ ސަބަބުން ލުބުނާނުގެ ފަސްބައިކުޅަ އެއްބައި ސަރަހައްދަކީ އާންމުންނަށް ނުދެވޭނެ ފަދަ ނުރައްކާތެރި ސަރަހައްދަކަށް މިހާރު ވަނީ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު