މޯދީ، ޓްރަމްޕް އާއި ޝެހްބާޒް ޝަރީފް
މޯދީ، ޓްރަމްޕް އާއި ޝެހްބާޒް ޝަރީފް
ބައިނަލްއަޤުވާމީ މައިދާނުގައި ޕާކިސްތާން އެކަހެރިކޮށްލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފެއްޓެވި ސިޔާސަތު ނާކާމިޔާބުވެ، ދުނިޔޭގެ މަސްރަހުގައި ޕާކިސްތާނުގެ ނުފޫޒު ގަދަވަމުންދާކަމަށް މުހައްލިލުން ބުނަން ފަށައިފިއެވެ.

2016 ވަނަ އަހަރު ބޮޑުވަޒީރު މޯދީ ވައުދުވެވަޑައިގަތީ ދުނިޔޭގެ ކުރިމަތީގައި ޕާކިސްތާން އެކަހެރިކޮށްލުމަށެވެ. ނަމަވެސް، މި ވައުދަށް ދިހަ އަހަރު ފުރިގެންދާއިރު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ޕާކިސްތާނަކީ މިހާރު ހަމައެކަނި ޗައިނާގެ ވަރުގަދަ ބައިވެރިއެއް ނޫނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުބާރު ލިބިފައިވާ، ސަރަހައްދީ ސިޔާސަތުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެކެވެ.

ސިޔާސީ ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޕާކިސްތާނުން ވަނީ ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގެ ބޭނުން ހިފާފައެވެ. އެގޮތުން އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށް، ބައިނަލްއަޤުވާމީ އިތުބާރު އެޤައުމުން ވަނީ ހޯދާފައެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގި ނުރައްކާތެރި އަސްކަރީ ކުރިމަތިލުންތައް ހުއްޓުވުމުގައި ރައީސް ޓްރަމްޕް އަދާކުރެއްވި ދައުރު ޕާކިސްތާނުން ބަލައިގަތުމަކީ، އެމެރިކާއާއެކު އޮތް ގުޅުން އައު އުސްމިންތަކަކަށް ދިޔަ ސަބަބެކެވެ.

އަނެއްކޮޅުން، އިންޑިއާއިން ގެންގުޅުނު ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން އެޤައުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ޚާއްސަކޮށް، މައްސަލަތައް ހައްލުކުރުމުގައި ތިންވަނަ ފަރާތެއްގެ މެދުވެރިކަން ޤަބޫލުނުކުރުމަށް މޯދީ ނިންމެވި ނިންމެވުމުގެ ސަބަބުން، ބައިނަލްއަޤުވާމީ މައިދާނުގައި އިންޑިއާއަށް ވުރެ ބޮޑަށް ޕާކިސްތާނަށް ތާއީދު ލިބިގެންދިޔައެވެ.

ދިރާސާވެރިން ބުނާ ގޮތުގައި، އިންޑިއާއިން ޒަމާނުއްސުރެ ގެންގުޅުނު "ސްޓްރެޓީޖިކް ރެސްޓްރެއިންޓް" ނުވަތަ ކެތްތެރިކަމުގެ ސިޔާސަތު ދޫކޮށްލައި، އަސްކަރީ ހަމަލާ ބަދަލުކުރުމުގެ މަގު އިޚްތިޔާރުކުރުމަކީ އިންޑިއާ އެކަހެރިވާން މެދުވެރިވި މުހިންމު ސަބަބެކެވެ. މީގެ އިތުރުން، ވިޔަފާރީގެ މައްސަލަތަކުގައި އެމެރިކާއިން އިންޑިއާއަށް ޕްރެޝަރު ކުރަމުންދާއިރު، ޕާކިސްތާނުގެ އަސްކަރީ ވެރިޔާ އާސިމް މުނީރަށް ވައިޓް ހައުސްއިން ދިން ހޫނު މަރުހަބާއަކީ އިންޑިއާގެ ޑިޕްލޮމެސީއަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ޕާކިސްތާން އެކަހެރިކުރަން އިންޑިއާއިން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ، ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބައިވަންތަކަން ގެއްލި، ބައިނަލްއަޤުވާމީ މަސްރަހުގައި ޕާކިސްތާނުގެ މަޤުބޫލުކަން ކުރިއަށްވުރެ އިތުރުވެގެން ދިއުމެވެ.



ކިޔުންތެރިންގެ ހިޔާލު