ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއައި ފަސިންޖަރެއްގެ އަތުންނެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ބަލައި ފާސްކުރިއިރު، އޭނާގެ ފޮށިތަކުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ.

އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި އަތުލައިގަނެވުނު މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 941 ގްރާމް ހުއްޓެވެ.

މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.8 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އެ ތަކެތި އެތެރެކުރި މީހާ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު