ރައީސް ނަޝީދު
ރައީސް ނަޝީދު
އެމްޑީޕީގެ ޗެއަރޕަރސަންގެ މަޤާމަށް ވާދަކުރަށްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭންގެ ބޮޑު ބައްދަލުވުމެއް މި އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވުމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ތައްޔާރުވާން ފަށައިފިއެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނީ، މި ބައްދަލުވުން އޮންނާނީ ހުކުރު ދުވަހުގެ ރޭ 8:45 ގައި ހުޅުމާލެ ފޭސް 1 ގެ ފަތާޓްރެކް ކައިރީގައި އޮންނަ ދެވަނަ ރުއްގަނޑު ސަރަޙައްދުގައި ކަމަށެވެ. މިއީ ހުޅުމާލޭގައި ބާއްވާ ކެމްޕޭންގެ އެންމެ ބޮޑު ބައްދަލުވުމަށް ވާނެ ކަމަށް އެ ޓީމުން މަޢުލޫމާތު ދެއެވެ.

ޗެއަރޕަރސަން އިންތިޚާބުގެ ކެމްޕޭންގައި ރައީސް ނަޝީދު މިހާރު ގެންދަވަނީ ށ. އަތޮޅަށް ދަތުރުފުޅެއް ކުރަށްވަމުންނެވެ. މި ދަތުރުފުޅުގައި އެ އަތޮޅު ފޭދޫގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަނުކުރަށްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ވަނީ ރާއްޖޭގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެއްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމުވެސް ފުރުއްވާފައި ކަމަށެވެ. އެހެންކަމުން، ދެން ބޭނުންވަނީ ޕާޓީގެ މުގުލުގައި ހުންނަވައިގެން އާ ޖީލުގެ ޒުވާން ލީޑަރުންނަށް ފުރުޞަތު ދެއްވައި، އެ ބޭފުޅުންނަށް އެއްބާރުލުން ދެއްވުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިގޮތުން ރިޔާސީ އިންތިޚާބަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފައްޔާޒް އިސްމާޢީލް ފަދަ ބޭފުޅުންނަށް ފުރުޞަތު ދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބުގައި ތިން ބޭފުޅަކު ވާދަކުރައްވާއިރު، އެންމެ ވާދަވެރި ކެންޑިޑޭޓުންގެ ގޮތުގައި ފާހަގަކުރެވެނީ ރައީސް ނަޝީދާއި މީކާއީލް ނަސީމެވެ.

ރައީސް ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަނުކުރަށްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އަދިވެސް ދަނީ ކުރިއަށް އޮތް އިންތިޚާބުގައި އެމަނިކުފާނު ވާދަކުރެއްވުމަށް ބާރުއަޅަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު