މާލޭ މާރުކޭޓް-
މާލޭ މާރުކޭޓް-
މިއަހަރުގެ ފުރަތަމަ ތިން މަހު 225 މިލިއަން ޑޮލަރުގެ ކާބޯތަކެތި ރާއްޖެއަށް އެތެރެކޮށްފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭން އެންމެ ބޮޑު ހޭދައެއް ކުރަނީ ތެޔޮ އެތެރެކުރުމަށެވެ. އަދި ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ކާބޯތަކެތި އިމްޕޯޓު ކުރުމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު 225 މިލިއަން ޑޮލަރުގެ ކާބޯތަކެތި ރާއްޖެއަށް އެތެރެ ކޮށްފައިވެއެވެ.

އޭގެއިތުރުން މަހުގެ އުފެއްދުންތަކަށް 45 މިލިއަން ޑޮލަރު، ބެވެރޭޖަސް އަދި ކޮންފެކްޝަނަރީޒްއަށް 42 މިލިއަން ޑޮލަރު، މޭވާގެ ބާވަތްތަކަށް 35 މިލިއަން ޑޮލަރު، ކިރާއި ޑެއިރީ އުފެއްދުންތަކަށް 31 މިލިއަން ޑޮލަރު އަދި ތަރުކާރީއަށް 30 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 20 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން އަމިއްލަ ސެކްޓަރުން 721 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރިއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިދާރާތަކުން 279 މިލިއަން ޑޮލަރުގެ މުދާ އެތެރެ ކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު 150 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއިން ވަނީ ބޭރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު