ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މިހާރު ރާއްޖޭގައި އިޢުލާން ކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ކަންބޮޑުވެ ހުއްޓުންއަރާފައިވާ ކަންކަމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިއަދު އެންމެ ކަންބޮޑުވެގެން އުޅޭ މައްސަލައަކީ އަންނަ ޖޫމް މަހުގެ 3 ވަނަ ދުވަހަށް މުއްދަތު ހަމަވާ ލޯކަލް ކައުންސިލް ތަކުގެ މައްސަލައެވެ. އިޖުތިމާޢީ ގައިދުރުކަން ތަންފީޒު ކުރަން ސަރުކާރުގެ އޮފީސްތަކާއި ސްކޫލް މަދަރުސާތައް ބަންދު ކުރުމުން ރައްޔިތުންގެ މަޖިލިސް ވެސް ބަންދު ކުރިއެވެ. ނަމަވެސް މަޖިލީހުގެ ރައީސަށް ފެނިވަޑައިގަތީ މަޖިލީސް ލޮކްޑައުން ކޮށްފައި ނުބޭއްވުމަށެވެ.

ޒަމާނީ ވަސީލަތްތަކާއެކު މަޖިލީހުގެ ޖަލްސާތައް ފެށިގެން ކުރިއަށްދާއިރު މަޖިލީހަށް އެންމެ ކަންބޮޑުވެގެން އުޅޭ ކަމަށް މިފެންނަނީ މިދެންނެވި ލޯކަލް ކައުންސިލް އިންތިޚާބު ނުބޭއްވިގެން ޤާނޫނީ ހުސްކަމެއް އަންނާތީ އެކަމެވެ. މަޖިލީހުގެ ރައީސް ވިދާޅުވެފައި ވަނީ އިންތިޚާބު ނުބޭއްވިގެން ފެންމަތިވާ މައްސަލަތަކަށް ފަރުވާއެއް ހޯދޭނެ ހަމައެކަނި ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.

އަލުން މަޖިލިސް ފެއްޓުމުގެ އެންމެ މުހިންމު ބޭނުމަކީ އެފަރުވާ ހޯއްދަވައި ދެއްވުން ކަމުގައިވެސް ވެދާނެއެވެ. ކޮންމެއަކަސް މަޖިލިސް މެންބަރުން ގޭގައި ތިއްބަވައިގެން ކުރިއަށް ގެންދެވި ހުރިހާ ޖަލްސާތަކެއްގައި ހެން ދެއްކެވީ އެވާހަކައެވެ. ކުރެއްވީ އެބަހުސެވެ.

މިކަމާއި ގުޅިގެން ޤާނޫނީ ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ މަޖިލީހަށް ގޮތެއް ހުށައަޅާފައެވެ. ސަރުކާރަށް ފެނުނީ މިހާރު އަމަލު ކުރަމުންދާ ޤާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށެވެ. ސަރުކާރުން އިސްލާހު ހުށައަޅާފައިވަނީ އެންމެ ފަހުން ޤާނޫނު އަސާސީއަށް ދިން ފަރުވާގެ ތެރެއިން ފަރުވާ އެއް ހޯދުމަށެވެ. އެއީ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާގު ގެނައި ގާނޫނަށް އިތުރު އިސްލާހެއް ގެނަސްގެން އިންތިޚާބު ނުބޭއްވިގެން ކުރިމަތިވާ ހުސްކަމަށް ފަރުވާއެއް ހޯދުމަށެވެ.

މިދެންނެވި ޤާނޫނީ ހުސްކަން ފޫބެއްދުމަށް ޤާނޫނު އަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އެޖަހާ ވެކްސިނެއް ޖަހައިގެން ސަރުކާރުން ހޯދައިދޭން އުޅޭ ފަރުވާ ވަރަށް ވެސް ފުރިހަމަ ވެފައި ސާފެވެ. މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އަށާއި (ށ) އަށް ހުށައަޅާފައިވާ އިސްލާހުގެ ތެރެއިން (ށ) ގެ އިސްލާހުން ކިތަންމެ ރަނގަޅަކަށްވެސް މި ފަރުވާ އެބަ ހޯދައި ދެވެއެވެ.

ސަރުކާރުން ހުށަޅާފައިވާ މިއިސްލާހުގައި ބުނެފައިވަނީ "މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ބާއްވަން ޖެހޭ ފުރަތަމަ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު ބާއްވައި، އެކައުންސިލް ތަކަށް އަލަށް އިންތިޚާބު ކުރެވޭ މެންބަރުން އެމީހުންގެ މަގާމާއި ހަވާލުވަންދެން، މި ޤާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އިންތިޚާބުކޮށްފައިވާ، އަދި މި ޤާނޫނަށް އަމަލުކުރަން ފަށާއިރު މަޤާމުގައި ދެމިތިބި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުން އެމީހުންގެ މަޤާމުގައި ދެމި ތިބޭނެ." ކަމަށެވެ.

އެހެންވީމާ މިއިސްލާހުން މިއޮތީ ވަރަށް ސާފުކޮށް، ވަރަށް ރީއްޗަށް އިންތިޚާބު ފަސްކުރަން ފުރުސަތު ފަހިކޮށްދީފައެވެ. އެއްވެސް ކަމަކަށް ފުށުނާރާ ގޮތަށް ގާނޫނު އަސާސީގައި ލިޔެގެން އަދި ޤާނޫނު އަސާސީގެ ރޫޙާއެއްގޮތަށް ގާނޫނީ ތަރަހައިގެ ތެރެއިން އިންތިޚާބު ފަސް ކުރުމަށް ނުވަތަ މިހާރު މިއޮތް ހާލަތުގައި އިންތިޚާބު ފަސްކުރުމަށް ފަހިވާގޮތަށެވެ. ދެން އޮތީ މިހާރު ހުރި ޤާނޫނު ތަކާއި ނުކުޅެ، ނޫނީ މިޚާއްޞަ ހާލަތަށްފަހު ވެސް ކުރިން ހިނގަމުން އައި ގޮތަށް ކަންކަން ފުރޮޅިގެން ދިއުމަށް މަގުފަހި ވާގޮތަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ ބާއްވަން މަގުފަހިކޮށްދިނުމެވެ. ސަރުކާރުން އެފަރުވާ ހޯދައިދެނީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020" ގެ ނަމުގައި މިހާރު މަޖިލީހަށް ހުށައަޅާފައިވާ ބިލުންނެވެ. މި ޚާއްޞަ ގާނޫނަކީ ހަމައެކަނި މިހާރު ޤައުމު އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުވެގެން ދާއިރު ޤާނޫނީ އެއްވެސް ހުރަހެއް، ފުށުއެރުމެއް ނެތި އިންތިޚާބު ބާއްވަން ދީފައިވާ ފަރުވާއެކެވެ.

މިކަން މިއޮތީ ވަރަށް ރީތިކޮށް އޮމާންކޮށް، އެއްވެސް ފުށުއެރުމެއް އޮޅުމެއް ނާރައި އެއްވެސް ޤާނޫނަކަށް ވެސް ފައިންނާރައި، ޚިލާފުނުވެ، ކަންކަން ތަރުތީބުން ގެންދެވޭ ގޮތަށް ވަގުތީ ހައްލު ތަކާއެކު، މަގުފަހިކޮށްދީފައެވެ. ސަރުކާރުން ހުށައަޅާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލުން އެއޮތީ މިހުރިހާ ފަރުވާއެއް ލިބޭ ހޮތަށެވެ.

މިބިލުގައި ފުރަތަމަ އޮތީ މިހާރު ކުރިމަތިވެގެން މިއުޅޭ ރޯގާ ބަލިމަޑުކަމާއި ގުޅިގެން އިޢުލާން ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި އެއްގޮތަށް މިހާރު އިޢުލާން ކޮށްފައިވާ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު ފަސްކުރާނެ ގޮތެވެ.

އެއާއި ވިދިގެން މި ބިލުގައި ދެން އޮތީ އެންމެ ލަސްވެގެން އިންތިޚާބު ބާއްއްވަން ޖެހޭނެ ތާރީޚެވެ. ބިލުގައި ބުނަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ 6 ގެ ކުރިން އިންތިޚާބު ބާއްވާން ޖެހޭނެ ކަމަށެވެ. ދެން ވިދިގެން އަންނަ އަކުރުގައި އޮތީ މިހާރުވެސް އަމަލު ކުރަމުންދާ ގާނޫނު ތަކުގައި ކުރަންޖެހޭ ކަންކަން ކުރުމާއެކު އިންތިޚާބު ބާއްވަން ޖެހޭ މުއްދަތު ގުނުމުގައި ބަލާނެ ގޮތެވެ. މި ބިލުގައި އެއޮތީ އިންތިޚާބު ބާއްވާނެ ތާރީޚު ކަނޑައަޅައި ދީފައެވެ. ކުރިން ހުރި ގާނޫނު ތަކުގައި ހުރި ކަންކަން މިބިލުގައި އޮތް ތާރީޚުތަކަށް ފައްތައިގެން ކުރިއަށް ގެންދިއުމުން އިންތިޚާބު ބާއްވާނެ ގޮތުގެ ފަރުވާ ވެސް މި ބިލުން އެއޮތީ ހޯދައިދީފައެވެ.

ދެން އޮތީ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބޭއްވުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް އަލުން ކުރަން ނުޖެހޭ ގޮތަށާއި އަދި ޕާޓީތަކުންނާއި އިންތިޚާބަށް ކުރިމަތިލީ ފަރާތްތަކުން ވެސް މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް އަލުން ކުރަން ނުޖެހޭނެކަމުގެ ކަށަވަރުކުރުމަށް ހޯދައިދީފައިވާ ފަރުވާއެވެ.

އެހެން ވީމާ އިންތިޚާބުގެ މަސައްކަތް އަލުން ފަށާއިރު ދެން ފަށަން ޖެހޭ ހިސާބަކީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރިއިރު ހުއްޓާލާފައިވާ ހިސާބުންކަން ވެސް މި ބިލުން އެބަ ކަށަވަރު ކޮށްދެއެވެ. އަދި ގޮނޑިއަކަށް އެއް ކެންޑިޑޭޓަކު ވާދަކޮށްގެން ގޮނޑި ކަށަވަރުވެފައިވާ ކަމަށް އިޢުލާންކޮށްފައިވާ ފަރާތްތަކުގެ ހައްގުވެސް މި ބިލުން ހިމާޔަތް ކޮށްދެއެވެ. މީގެއިތުރުން އިންތިޚާބު ފަސްވުމުން ފަރުވާއެއް ހޯދައިދޭން ޖެހިފައިވާ އިންތިޚާބުގައި ވާދަކުރާ ސިވިލްސާވިސްގެ މުވައްޒަފުންނަށް ވެސް މި ބިލުން އެބަ ފަރުވާ ލިބެއެވެ. އަދި މިހާރު މިއޮތް ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެމިގެން ހިނގައްޖެނަމަ ދެން ކުރަން ޖެހޭ ފަރުވާ ވެސް މި ބިލުގައި އެބަ އޮތެވެ. ކައުންސިލް އިންތިޚާބު ނިމި ކައުންސިލަރުން މަޤާމާއި ހަވާލުވާ ހިސާބުން މި ގާނޫނުވެސް ނިމި ކަފުން ވީކަން ވަރަށް ސާފުކޮށް ބިލުގައި އެނގެންވެސް އެބައޮތެވެ.

އެހެންވީމާ ޤާނޫނު އަސާސީގެ ތެރެއިން ވެސް ކުޑަކުޑަ ފަރުވާއެއް ހޯދައިގެން މިހާރު ހުރި ކަމާ ގުޅުންހުރި ޤާނޫނުތަކާ ނުކުޅެ އެ ޤާނޫނުތަކުގެ ރޫހާއި ޚިލާފު ނުވެ ކައުންސިލް އިންތިޚާބު ފަސްކޮށް މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ ދައުރު ދަންމާލައި ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު ބާއްވަން ޖަހާނެ ހަމަ ރަނގަޅު ވެކްސިނެއް މިއޮތީ ހޯދައިދީފައެވެ.

ޤާނޫނު އަސާސީ ދަންނަ ގޮތަކީ މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ އުމުރަކީ 3 އަހަރުކަމާއި އެ މުއްދަތު މިއަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހަށް ހަމަވާނެ ކަމެވެ. ދެން އޮތީ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނެވެ. އޭގައި އޮތީ ކައުންސިލް ތަކުގެ އުމުރު ފަސް އަހަރަށް ދިގުކޮށް ދަމާލާފައެވެ. އެކަން ކުރެއްވީ މިހާރުވެސް މަޖިލީހުގައި ތިއްބެވި މެންބަރުންނެވެ. އެމްޑީޕީގެ ސުޕަރ މެޖޯރިޓީންނެވެ.

އެބޭފުޅުން ގެންނެވި އިސްލާހުގައި އޮތީ ދެން އިންތިޚާބުކުރާ ކައުންސިލުތަކުގެ އުމުރާއި ދެން އަންނަ ކައުންސިލްތައް އޮންނާނެ ގޮތެވެ. ހަމަގައިމުވެސް އެބޭފުޅުން މި ޤާނޫނު ލިޔެ ފާސްކުރުމުފެ މަފްހޫމަކީ މިއެވެ. އެހެންވީމާ މިހާރު ހިނގަމުންދާ ކައުންސިލް ތަކުގެ އުމުރަކީ 3 އަހަރު ދުވަސްކަމަށް ޤާނޫނު އަސާސީ ޤަބޫލުކުރަންޏާ ކިތަންމެ މޮޅު މީހަކު ކިތަންމެ މޮޅު ގާނޫނެއް ހެދިޔަސް، އަދި ލިޔުނަސް، ޤާނޫނު އަސާސީ ނުދަންނަހާ ހިނދަކު، އެއީ މިހާރު ހިނގަމުންދާ ކައުންސިލް ތަކުގެ ދައުރު ދަމާލެވޭނެ ފަރުވާއަކަށް ނުވާނެއެވެ. ޤާނޫނު އަސާސީން ފަރުވާ ނުހޯދައި އެކަމެއް ނުކުރެވޭނެއެވެ.

މިހާތަނުން ބައެއް ބޭފުޅުންގެ ކަންބޮޑުވުމަކީ މިދެންނެވި ފަރުވާ ސަރުކާރުން ހޯދަން ޤާނޫނު އަސާސީއާއި ކުޅެން އުޅޭތީއެވެ. އެކަމަކު ޤާނޫނު އަސާސީގައި ކަޅާހުދުން ލިޔެ ދައުރު ކަނޑައަޅައި ވަކި ގޮތަކަށް ވަކި ދުވަހަކަށް ކުރާންޖެހޭކަމަށް ލިޔެފައިވާ ކަމެއް ފަހުން ހަދާ ގާނޫނަކުން ނުވަތަ މިހާރު އޮތް ގާނޫނަކަށް ބަދަލު ގެނަސްގެން ކުރެވިދާނެ ކަމަކަށް ޤާނޫނު އަސާސީއެއް ގަބޫލެއް ނުކުރެއެވެ. ގާނޫނު އަސާސީގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރާން ބުނެފައި ވަނިކޮށް އެކަން އެހެން ގޮތަކަށް ކުރާން ގާނޫނެއް ހެދިޔަސް އެގާނޫނަކީ ބާތިލު އެއްޗެއްކަން ގާނޫނު އަސާސީގައި ވަރަށް ސާފު އިބާރާތުން އެބަ ބުނެއެވެ. ޤާނޫނު އަސާސީގައި މުޅިން އެހެން މަފްހޫމެއްގެ މަތީގައިތިބެ ލިޔެފައިވާ މާއްދާއެއްގެ ހިޔަނީގައި، ހުއްޖަތާއި ބަހަނާތަކެއް އުފަން ކުރުވައިގެން މިއަދު ކުރާ ކުޑަކުޑަ ކަމެއް މާދަމާ އަމިއްލަ އަތުން އަނބުރާ އިޢާދަ ކުރަން ޖެހުނީމާ އެވާނީ މާ ލަދުވެތި ހުތުރު ކަމަކަށެވެ.

ދެން އޮތީ މިހާރު އޮތް ކުއްލި ނުރައްކަލުގެ ހާލަތުގެ ވާހަކައެވެ. މި ހާރު މިއޮތް ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނެއްގައި ލިޔެފައި އޮތް ވަކި ކަމަކާ ގުޅޭ ކުއްލި ނުރައްކަލުގެ ހާލަތެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިދޭ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުމުގެ ޤާނޫނީ ތަރަހައިގެ ތެރެއިން ކޮށްފައިވާ، އަދި އެފަދަ ޤާނޫނީ ބާރުތަކެއް ލިބިފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ވެސް ނޫނެވެ. ޤާނޫނު އަސާސީ ދަންނަ، ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީން ލިބިދޭ އެތައް ޙައްޤުތަކަކާއި އެތައް ޤާނޫނީ ބާރުތަކެއް ހިފެހެއްޓި މަޑުޖެހިގެން ދެއެވެ. އަދި އެހާލަތު އޮންނާނެ ގޮތްވެސް ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ލިޔެ ކިޔައިދީފައި އެބައޮތެވެ. އެހާލަތު އައުމުން ރައްޔިތުންގެ މަޖިލީހަށް ވަންނަން ޖެހޭ ހިސާބެއް އޮންނަކަންވެސް އެވާހަކަ ދައްކަވާ ބޭފުޅުންނަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.

މިހާރު މިއޮތް ކުއްލި ނުރައްކަލުގެ ހާލަތަކީ ރައީސުލް ޖުމްހޫރިއްޔާ އިޢުލާން ކުރާ ކުއްލި ހާލަތުގެ ގޮތަށް މާނަކޮށް މިއީވެސް ހާލަތެއް ކަމުގައި ވިދާޅުވާ ބޭފުޅުންވެސް އެބައުޅުއްވައެވެ. މިހާލަތުގައި ޤާނޫނު އަސާސީއަށް ބަދަލު ނުގެނެވޭނެ ކަމަށް އެފަދަ ފަރާތްތަކުން ގަބޫލުވެސް ކުރައްވައެވެ. އަދި ޤާނޫނު އަސާސީ އޮތްތާ ބާއްވާފައި އޭގައި އޮތް ބާރެއް ކަނޑުވާލާފައި އޭގެ މައްޗަށް ގާނޫނެއް ހަދައިގެން ކައުންސިލް ތަކުގެ އުމުރު ދަންމާލުމަށް ބިލެއް ހަދައިގެން މަޖިލީހުން ފާސް ކުރުމަކީ އެންމެ މޮޅު ގޮތް ކަމުގައި ގަބޫލުކޮށް އެއަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާ ބޭފުޅުންވެސް އެބަ އުޅުއްވައެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނީ މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ އަދި ގާނޫނީ ގޮތުންވެސް އެމަނިކުފާނަށް ލަފާއަރުވާ ބޭފުޅުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް، ކަންކުރާން އޮތް އެންމެ ރަނގަޅު ގޮތަށް ކަމުގައި ބެލެވެއެވެ. ސަރުކާރު ހިންގާ މައި ޕާޓީއަކީ އެމްޑީޕީއެވެ. މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީއެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ ގޮތެއް ހުށައެޅުއްވީމާ ނުވަތަ ސަރުކާރުން މަޖިލީހަށް ގޮތެއް ހުށައެޅީމާ އެގޮތް ކަމަކު ނުދެއެވެ. އެކަމަކު އުސްތާޒު ޙަސަން ލަތީފު ގޮތެއް ހުށައެޅުއްވީމާ އެގޮތް ވަރަށް ރަނގަޅެވެ. އެކަމަކު ދެ ހުށައެޅުމުގެ މަޤުޞަދަކީ ވެސް އަދި ހާސިލު ކުރާން ބޭނުންވަނީވެސް ހަމަ އެއްކަމެކެވެ. ލަތީފު ހުށައަޅުއްވަނީ ކުރު މަގަކުން ދާނެ ގޮތެވެ. އެކަމަކު އެގޮތް ޤާނޫނު އަސާސީއާއި ފުށުއަރައެވެ. ޤާނޫނު އަސާސީ ނުދަންނަ ކަންކަން އޭގައި އެބަހުއްޓެވެ. ސަރުކާރުން ހުށައެޅި މަގު ތަންކޮޅެއް ދުރެވެ. އެކަމަކު އެ ހުށައެޅުން އޮތީ ޤާނޫނު އަސާސީ ދަންނަ މަގުން ހިނގޭ ގޮތަށެވެ.

ދެން އޮންނަނީ އަޅާ ކިޔުމެވެ. އޭނާއަށް ވުރެ ވަކިން މަގޭ މީހާ ދެރަ ނުވާނެކަން ސާބިތުކޮށްދޭން ވާހަކަ ދެއްކުމެވެ. ދެން ޤާނޫނު ލިޔުނު ކާތިބަށްވެސް އޭނާވެ ދެއެވެ. އަދި ޤާނޫނު އެންމެ މޮޅަށް ދަންނަ މީހާއަށްވެސް އޭނާވެއެވެ. ޤާނޫނު ހަދަން ޖެހުނީމާ ހުސް އުސްތާޒުންނެވެ. ބޭސް ކުރަން ޖެހުނީމާ ހުސް ޑޮކްޓަރުންނެވެ. ފަނޑިޔާރުކަމާ ޖެހުނީމާ ހުސް ގާޒީންނެވެ. ސިޔާސީ ވާހަކަ ދައްކަން ޖެހުނީމާ ހުސް ސިޔާސީ މުދައްބިރުންނެވެ. ކޮންމެ މީހަކަށް ވެސް އެންމެ މޮޅީ އެމީހަކު ގަބޫލުކުރާ އެމީހަކަށް ފެންނަ ގޮތެވެ. އެހެން މީހަކު ބުނާ ގޮތަކީ ރަނގަޅު ގޮތްކަން އެނގޭ އިރުވެސް އެގޮތް ގަބޫލު ކުރާން ބޭނުން ނުވަނީ އެގޮތް ގަބޫލުކޮށްފިއްޔާ ތިމާގެ ކޮޅު ބަލިވީ ކަމުގައި ގަބޫލުކުރެވޭތީ ކަމުގައިވެސް ވެދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ހަސަންބެ

17-Apr-2020

ބަލަ ތިބި ކީއްބާ؟ ރައީސް ވިދާޅުވި ނޯންތޯ ބިރުދައްކަން ކުރޯނާ ވައރެސް އޭ ކިޔައިގެން ތިދައްކާ ބިރަށް މަޖްލީސް ުުހުއްޓުވޭނެ ކަމަށް . އަދި ހުވަދޫ މެންބަރ ވިދާޅުވި ނޫންތޯ އިދިކޮޅު ފަރާ އިދިކޮޅު ފަރާތް ތަކަށް ކޮވިޑް ޖައްސާފަ އިންތިޚާބް ކާމިޔާބު ކުރާނެ ވާހަކަ ދެން ހަދާނެ ގޮތް ނޭގޭ ނަމަ އަނެއްކާވެސް އިސްތިއުފާ ދެއްވައި ފިލަން އިންޑިޔާ އެންބަސީ އަށް ވަދޭ.


8

މުނާ

12-Apr-2020

ބަޖެޓު ކާލައިގެންތިބެ ބޭކާރު އަނގަނުތަޅަބަލަ.



ޓްރެންޑިން