ޒުވާން ޚަތީބުން
ޒުވާން ޚަތީބުން
ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ކުރިން ރާއްޖޭގައި ތަމްރީންކުރާ ޒުވާން ޚަތީބުންގެ އަދަދު 1000 އަށް އަރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިއަދު ވިދާޅުވީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" އެއް ބޭއްވުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަކުރާ 13 ސެޕްޓެމްބަރު 2026 ގައެވެ.

މި މަހާސިންތާގެ އެންމެ ޚާއްޞަ އެއް ކަމަކީ މައްކާގެ މަސްޖިދުލް ޙަރަމްގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޔާސިރް އައްދައުސަރީ ބައިވެރިވެވަޑައިގަތުމެވެ. ޑރ. ޝަހީމް ވިދާޅުވީ ޝައިޚް ޔާސިރަށް މިހާރު ވަނީ މި މަހާސިންތާއަށް ދައުވަތު އަރުވާފައި ކަމަށެވެ.

މިނިސްޓްރީގެ އަމާޒަކީ އަތޮޅުތަކުގައި ތިބި ޒުވާން ޚަތީބުންނަށް ވެސް މި މަހާސިންތާގައި ބައިވެރިވުމަށް މާލެ އައުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މި ބައްދަލުވުމުގައި މިނިސްޓްރީން ތަމްރީންކުރާ 1000 ޒުވާން އިމާމުންނާއި ޚަތީބުންގެ އިތުރުން ރާއްޖޭގެ ޒުވާން ޙާފިޒުންވެސް ބައިވެރިވާނެ ކަމަށާއި، މިވަގުތު ރާއްޖޭގެ ޙާފިޒުންގެ ދަފްތަރުގައި 307 ޙާފިޒުން ތިއްބެވިއިރު، ޒުވާން ޚަތީބުންގެ އަދަދަކީ 532 ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަކަށް ވާނެ،" ވަޒީރު ފާހަގަ ކުރެއްވިއެވެ.

މަހާސިންތާއަށް ތައްޔާރުވުމުގެ ގޮތުން އިމާމުކަމުގެ ހެދުންކޮޅާއި ތާކިހާކޮޅު ތައްޔާރުކުރެއްވުމަށް ޒުވާން ޚަތީބުންގެ ކިބައިން ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. އަދި މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުޞަތު މި މަސްތެރޭގައި ހުޅުވާލާނެ ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޒުވާން ޚަތީބުންނާއި އިމާމުން ތަމްރީންކުރުމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތަކީ ރާއްޖޭގެ ދީނީ އޮނިގަނޑު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު