އީސީގެ ވަކީލް
އީސީގެ ވަކީލް
މ. ވޭވަށު ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ވޯޓާ ގުޅިގެން ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ، މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ނިންމުމެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމުގައި އީސީގެ ވަކީލު މިއަދު ވަނީ ހައިކޯޓުގެ ނިންމުމާމެދު ކޮމިޝަނުގެ ހުރި ކަންބޮޑުވުންތައް ތަފްސީލީ ގޮތެއްގައި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. ސުޕްރީމް ކޯޓުގައި ވާހަކަދައްކަވަމުން އީސީގެ ވަކީލު ވިދާޅުވީ، ވޭވަށު ކައުންސިލްގެ އިންތިޚާބުގެ މައްސަލައިގައި ހައިކޯޓުން ގޮތް ނިންމާފައިވަނީ ވޯޓު ކަރުދާސްތަކަށް އަމަލީ ގޮތުން ބެލުމެއް ނެތި ކަމަށެވެ. އަދި މި މައްސަލައިގައި އީސީގެ ފަރާތުންނާއި ވޯޓު ކަރުދާސް ޗާޕުކުރި ނޮވެލްޓީގެ ފަރާތުން ކޯޓުގައި ދެއްކި ފަންނީ ވާހަކަތަކަށް ހައިކޯޓުން ރިއާޔަތްކޮށްފައި ނުވާކަންވެސް ވަކީލު ފާހަގަކުރެއްވިއެވެ.

އީސީގެ ވަކީލު ވިދާޅުވީ، ވޯޓު ކަރުދާސް ޗާޕުކުރުމުގެ ތެރޭގައި ކަރުދާހުގައި ޖެހިފައި ހުންނަ ކުދި ތިކިތަކަކީ ވޯޓު ބާތިލުވާންޖެހޭ ސަބަބެއްގެ ގޮތުގައި ކަނޑައަޅާނަމަ، އޭގެ ނޭދެވޭ އަސަރު ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް ކުރާނެ ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، ރެފަރެންޑަމް ވޯޓުތަކުގެ ނަތީޖާއަށްވެސް މިފަދަ ނިންމުމެއްގެ ސަބަބުން އަސަރުކޮށް، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވަކީލު ވިދާޅުވިއެވެ.

ހައިކޯޓުގެ ނިންމުމަކީ އިންތިޚާބީ ނިޒާމު ހިނގާ ގޮތުގެ މައިގަނޑު އަސާސްތަކާ މުޅިން ޚިލާފު ނިންމުމެއްގެ ގޮތުގައި ސިފަކުރަށްވައި، އީސީން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ހައިކޯޓުގެ އެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

އިންތިޚާބީ މައްސަލަތަކުގައި ކޯޓުތަކުން ނިންމާ ނިންމުންތަކަކީ މުސްތަޤުބަލުގައި ބޭއްވޭ އިންތިޚާބުތަކަށް އޭގެ ނަތީޖާ ފޯރާނެ ކަންކަން ކަމަށްވާތީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ގޮތަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމުގެ ސައްހަކަން ކަށަވަރުކުރުމަށް ލިބޭ ވަރަށް މުހިންމު ނިންމުމަކަށް ވެގެންދާނެއެވެ.

މި މައްސަލައިގައި ފަނޑިޔާރުން ސާފުކުރަންޖެހޭ އިތުރު ކަމެއް ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު ހުސައިން ޝަހީދު ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.



ކިޔުންތެރިންގެ ހިޔާލު