ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި ވަޒީފާ އަދާކުރަމުންދާ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ފޮނުވުމަށް އެ ކުންފުނިން މުވައްޒަފުންނަށް އަންގައިފިއެވެ.

މިކަމާ ގުޅޭގޮތުން ފެނަކައިން ނެރުނު މެމޯއެއްގައި ބުނެފައިވަނީ، ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެ ފަހުގެ ކުށުގެ ރެކޯޑް ނުވަތަ ޕޮލިސް ރިޕޯޓް ބޭނުންވާ ކަމަށެވެ. އެގޮތުން، 11 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ހުރިހާ މުވައްޒަފުންގެ ރެކޯޑްތައް ހޯދައި، ކުންފުނީގެ ހެޑް އޮފީހަށް ފޮނުވަން ޖެހޭނެ ކަމަށް އެ މެމޯގައި ބަޔާންކޮށްފައިވެއެވެ.

ފެނަކައިން މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރަން މި ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ދަށުން އެ ކުންފުނީގެ އާ މެނޭޖްމަންޓުން ކުންފުނި ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، މުވައްޒަފުންގެ އަދަދު މަދުކޮށް "ރައިޓް ސައިޒް" ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކުންފުނި ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން، ފެނަކައިގެ ބްރާންޗުތައް މިހާރު ވަނީ 4 ގިންތިއަކަށް ބަހާލައި، ކޮންމެ ބްރާންޗެއްގައި ތިބޭނެ މުވައްޒަފުންގެ އަދަދުތައް ފައިނަލް ކުރުމުގެ މަސައްކަތް ފަށާފައެވެ. ބްރާންޗުތައް ގިންތިކުރުމުގައި ބަލަނީ އެ ރަށެއްގެ އާބާދީއާއި ޚިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދަށެވެ.

ބްރާންޗުތައް ގިންތިކުރެވިފައިވާ ގޮތް:

އެންމެ މަތީ ގިންތި: ސިޓީތަކުގެ ބްރާންޗުތައް.

ދެވަނަ ގިންތި: 1،000 އަށް ވުރެ ގިނަ ކަސްޓަމަރުން ތިބޭ ރަށްތައް.

ތިންވަނަ ގިންތި: 500 އާއި 1،000 ދެމެދު ކަސްޓަމަރުން ތިބޭ ރަށްތައް.

ހަތަރުވަނަ ގިންތި: 300 އާއި 500 ދެމެދު ކަސްޓަމަރުން ތިބޭ ރަށްތައް.

އެންމެ ދަށު ގިންތި: 300 އަށް ވުރެ މަދު ކަސްޓަމަރުން ތިބޭ ރަށްތައް.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފް މީގެ ކުރިން ވިދާޅުވެފައިވަނީ، އެ ކުންފުނީގައި މިވަގުތު 8،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މުވައްޒަފުންގެ މުސާރައަށް އެކަނިވެސް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހޭދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުންފުނީގެ މެނޭޖްމަންޓުން ހާމަކުރި ގޮތުގައި، މިއީ ކުންފުންޏަށް ލިބޭ އާމްދަނީއާ ނުބައްދަލު ބޮޑު ހޭދައެކެވެ. އަދި މުސާރައަށް ކުރާ ހޭދައަކީ ޚިދުމަތް ދިނުމަށް ކުރަންޖެހޭ އެހެނިހެން ޒަރޫރީ ޚަރަދުތަކަށްވުރެ ވެސް ބޮޑު އަދަދެއް ކަމަށް ކުންފުނިން ބުނެއެވެ.

އެހެންކަމުން، މިހާރު ކުރިއަށްދާ ރެކޯޑް ސާފުކުރުމުގެ މަސައްކަތަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މުވައްޒަފުންގެ އޮނިގަނޑު މުރާޖާކުރުމުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު