ވާޖިބު އަދާކުރަމުންދިޔަ ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ދިވެހި އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލ. މާބައިދޫ، ފެނޭބާ، އުމުރުން 34 އަހަރުގެ އައިޝާތު ޝާމުނާއެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ މާރާމާރީއެއް ހިންގާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދަށް ގޮސް އުޅުމުގެ ތެރޭގައެވެ. ޝާމުނާ ހުރި ސަރަހައްދަށް ފުލުހުން ދިއުމުން، އެތަނުގައި ހުރި ފުލުސް މީހާގެ ގައިގައި ޖަހާ އޭނާ މާރާމާރީ ހިންގާފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގެ ބަންދު މަޖިލީހުގައި ޝާމުނާ ބުނެފައިވަނީ އޭނާ މި މައްސަލައިގައި ކުރިއަށްދާން ވަކީލެއް ބޭނުންނުވާ ކަމަށެވެ. މާރާމާރީ ހިންގި ސަބަބާއި، މި ހާދިސާ ހިނގި ސީދާ ތަނާ ގުޅޭ އިތުރު ތަފްސީލުތަކެއް ކޯޓު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު