ގުގުރިދެމުމުގެ މައްސަލަ ހުރިކަން ގިނަފަހަރަށް އެނގެނީ އާއިލާގެ މީހުންގެ ފަރާތުން
ގުގުރިދެމުމުގެ މައްސަލަ ހުރިކަން ގިނަފަހަރަށް އެނގެނީ އާއިލާގެ މީހުންގެ ފަރާތުން
ނިދީގައި ގުގުރިދެމުމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މިއީ ނިދާފައި އޮންނައިރު ނޭވާލާ ނިޒާމުގެ ތެރެއިން ވައި ދައުރުވުމުގައި ހުރަސްތަކެއް ކުރިމަތިވެ، ކަރުތެރެއިން އުފެދޭ ކުރަކި އަޑެކެވެ. މަދުފަހަރަކު ނުވަތަ މަޑުން ގުގުރިދެމުމަކީ އާންމު ކަމެއް ނަމަވެސް، މާ ބާރަށް އަދި ގަވާއިދުން އާދަކޮށް ގުގުރިދެމުމަކީ ސިއްޙީ ބޮޑު މައްސަލައެއްގެ ނިޝާނަކަށް ވެދާނެތީ އެކަމަށް ސަމާލުވުން މުހިންމެވެ.

ގުގުރިދެމުމަށް މެދުވެރިވާ ސަބަބުތައް

ގުގުރިދެމުން މެދުވެރިވަނީ ނޭވާލާ މަގު ހަނިވެ، ނޭވާލާއިރު ކަރުތެރޭގެ މަޑު މަސްތަކާއި ދޫ އެކަތި އަނެކައްޗާ ޖެހި ތެޅުމުގެ ސަބަބުންނެވެ. މިކަމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

1. ކަރުތެރޭގެ އޮނިގަނޑު ހުންނަގޮތް: ޓޮންސިލް ނުވަތަ އެޑިނޮއިޑްސް ބޮޑުވުމުގެ ސަބަބުން ނޭވާލާ މަގު ހަނިވެދާނެއެވެ. އަދި ދޫ ބޮޑުވުމަކީވެސް މި މައްސަލަ ދިމާވާ ސަބަބެކެވެ.

2. ނޭފަތުގެ މައްސަލަތައް: ނޭފަތުގެ ހުރަސް ކަށިގަނޑު ކަސިޔާރުވުން ނުވަތަ ނޭފަތުގައި ގޮށް ނުވަތަ ސިސްޓް އުފެދުމަކީ ވައި ދައުރުވުމަށް ހުރަސްއަޅާ ކަންކަމެވެ.

3. ދިރިއުޅުމުގެ އާދަތައް: ހަށިގަނޑުގެ ބަރުދަން އިތުރުވެ މާބޮޑަށް ފަލަވުމަކީ ކަރުގެ ވަށައިގެން މަސްޖަހައި ނޭވާލާ މަގު ހަނިކޮށްދޭ ކަމެކެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ބައެއް ބާރުގަދަ ބޭސްތައް ބޭނުންކުރުމަކީވެސް ގުގުރިދެމުމަށް މަގުފަހިވާ ކަންކަމެވެ.

4. ސިއްޙީ ހާލަތްތައް: ނިދީގައި ނޭވާ ހުއްޓޭ ބަލި (Obstructive Sleep Apnoea) ހުންނަ މީހުންނަށް ވަރަށް ބާރަށް ގުގުރިދެމުމުގެ މައްސަލަ ކުރިމަތިވެއެވެ.

ގުގުރިދެމުމުގެ ސަބަބުން ފެންނަ އަލާމާތްތައް

ގުގުރިދެމުމުގެ މައްސަލަ ހުންނަ މީހުންނަށް އެކި ކަހަލަ އުނދަގޫތަކާ ކުރިމަތިވެއެވެ. އޭގެ ތެރޭގައި:

• ނިދި ފުރިހަމަ ނުވުމުގެ ސަބަބުން ދުވާލު ގަޑީގައި މާބޮޑަށް ވަރުބަލިވުން.

• ހެނދުނު ހޭލާއިރު ބޮލުގައި ރިއްސުން ނުވަތަ ކަރުތެރެ ހިކިފައި ހުރުން.

• ކަންކަމަށް ސަމާލުކަން ދިނުމަށް އުނދަގޫވުމާއި، އަވަހަށް ރުޅިއައުން ފަދަ މިޒާޖަށް އަންނަ ބަދަލުތައް ހިމެނެއެވެ.

• މީގެ އިތުރުން، ގުގުރިދެމުމުގެ ސަބަބުން އެކުގައި ނިދާ މީހާގެ ނިދީގެ ފެންވަރު ދަށްވެ، އާއިލީ ހަމަޖެހުމަށް ބުރޫއެރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ސަމާލުވާންޖެހޭ ނުރައްކާތެރި ނިޝާންތައް

އަންނަނިވި އަލާމާތްތައް ފެންނަނަމަ، ލަސްނުކޮށް ސިއްޙީ އެހީތެރިކަން ހޯދަންވާނެއެވެ:

1. ނިދީގައި ނޭވާ ހުއްޓޭކަން އެހެން މީހަކަށް ފާހަގަކުރެވުން.

2. ނޭވާ ކުރުވެގެން ނުވަތަ ހާސްވެގެން ކުއްލިއަކަށް ހޭލެވުން.

3. ނޭފަތުން ލޭ އައުން ނުވަތަ ނޭފަތް އަބަދު ބެދިފައި ހުރުން.

4. ދުވާލު ގަޑީގައި މަސައްކަތުގައި އުޅެނިކޮށް ނުވަތަ ދުއްވާ އެއްޗެއްގައި އިންދާ ނިދި އަންނަ މިންވަރަށް ވަރުބަލިވުން.

ބަލި ދެނެގަތުމާއި ފަރުވާ

ގުގުރިދެމުމުގެ މައްސަލަ ހުރިކަން ގިނަފަހަރަށް އެނގެނީ އާއިލާގެ މީހުންގެ ފަރާތުންނެވެ. ނަމަވެސް، މިއީ ސީރިއަސް މައްސަލައެއްތޯ ބެލުމަށް ޑޮކްޓަރުން ނޭފަތާއި ކަރުތެރެ ބަލައި، ބޭނުންވެއްޖެ ހާލަތެއްގައި "ސްލީޕް ސްޓަޑީ" އެއް ހަދައި، ނިދީގައި ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަނެއެވެ.

މިކަމަށް ދެވޭ ފަރުވާތަކުގެ ތެރޭގައި:

- ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުފެނުން: ބަރުދަން ލުއިކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަންކަމެވެ.

- ނިދާ ކޮޅަށް ބަދަލުކުރުން: އުއްޑުން ނިދުމުގެ ބަދަލުގައި އަރިަކަށް އޮވެ ނިދުމަކީ ނޭވާލާ މަގު ހުޅުވިފައި ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

- މެޑިކަލް އާލާތްތައް: ނޭވާލާ މަގު ހުޅުވައިދޭ "ސީ.ޕީ.އޭ.ޕީ" (CPAP) މެޝިން ނުވަތަ އަނގަޔަށް ލައްވާ ހާއްސަ އާލާތްތައް ބޭނުންކުރަން ޖެހިދާނެއެވެ.

- އޮޕަރޭޝަން: އެހެން ފަރުވާތަކުން ނަތީޖާ ނުފެންނަ ނަމަ، ނޭވާލާ މަގަށް ހުރަސްއަޅާ ބައިތައް (މިސާލަކަށް ޓޮންސިލް) ނައްތާލުމަށް ނުވަތަ ކަރުތެރޭގެ ޖާގަ ތަނަވަސްކުރުމަށް އޮޕަރޭޝަން ކުރަންޖެހިދާނެއެވެ.

ނިދީގައި ގުގުރިދެމުމަކީ ހަމައެކަނި އަޑެއް ނޫނެވެ. އެއީ ސިއްޙީ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެއްކަމަށްވާތީ، އެކަމުގެ އަލާމާތްތައް ފެންނަނަމަ އަވަހަށް ފަރުވާ ހޯދުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ކޮންމެހެން މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު