ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު އަސްލަމް
7 ފެބުރުއަރީ 2012 ގައި އައްޑޫ ސިޓީގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ރޯކުރުމުގެ މޭސްތިރިއަކީ އެ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކަމަށް ބުނެ ސަރުކާރުގެ ވަޒީރަކު ދެއްކެވި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ސޯބެގެ ކެމްޕެއިން ފަހު ޖަލްސާގައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ގައި ބަދަލުވުމާ ގުޅިގެން، އޭގެ ޖެހިގެން އައި ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، ރައްޔިތުން ނިކުމެ ރަށްރަށުގެ ސަރުކާރުގެ އިދާރާތަކެއްގައި ވަނީ ރޯކޮށްފައެވެ.

އެގޮތުން އައްޑޫގައި ހިނގި މި ހަމަނުޖެހުންތަކާ ގުޅޭގޮތުން ޕީއެންސީން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ، އެ ދުވަހުގެ ރޯކުރުންތަކުގައި އިސްކޮށް ހުންނެވީ ސޯބެ ކަމަށެވެ. އަދި އޭރު އައްޑޫ ސިޓީގެ މޭޔަރަކަށް ސޯބެ ހުންނަވައިގެން އައްޑުއަށް ދިން ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެތައް އަހަރެއް ނެގި ކަމަށްވެސް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

ޝިޔާމްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވީ، ސޯބެއަށް ކުރީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އައްޑޫގައި ހިނގި ހަމަނުޖެހުމާއި ރޯކޮށްލުމުގެ މައްސަލައިގައި ދައުވާ އުފުލި މީހުންގެ ތެރޭގައި ސޯބެގެ ނަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެ މައްސަލައިގައި އޭރު ދައުވާ ކުރި މީހުންގެ ތެރޭގައި މިހާރު ޕީއެންސީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ސައީދުގެ ނަން ހިމެނޭ ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

"އަސްލު މިކަން ހިނގި ގޮތެއް ޝިޔާމަކަށް އިހުސާސެއް ނުކުރެވޭނެ. ސޯބެއަކީ އިސްލާހީ ހަރަކާތުގައި އެތައް އަނިޔާއެއް ތަހައްމަލުކުރި ބޭފުޅެއް." އަސްލަމް ވިދާޅުވިއެވެ.

ހަމައެއާއެކު އަސްލަމް ވިދާޅުވީ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އަކީ އަވަށްޓެރި ދެ ގައުމަކުން ބޮއިކޮޓްކޮށްފައިވާ މީހެއް ކަމަށެވެ. އަދި ގައުމަކަށް މީހަކު ނާރުވާނީ ބޮޑު ސަބަބެއް އޮތުމުން ކަމަށް ވިދާޅުވި ނަމަވެސް ސޮޑާ ބޮއިކޮޓް ކުރި ދެ ގައުމަކީ ކޮބައިކަމެއް އަސްލަމް ހާމައެއް ނުކުރަށްވައެވެ.

ސޯބެ އަކީ އެމްޑީޕީގެ ވަރުގަދަ ތަނބެއް ކަމަށާއި، ސޯބެ އަކީ ފައިސާ އަށް ވިކޭނެ ބޭފުޅެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މެމްބަރުގެ ހުންނަން ޖެހޭ ކޮލިޓީ. މެމްބަރުގެ ހުންނަން ޖެހޭ ސިފަ." އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން، އަސްލަމް ވަނީ މިހާރުގެ ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. ވަކިން ހާއްސަކޮށް، ނޫސްވެރިކަމަށް އޮތް ބިރުވެރިކަން ހާމަވަމުންދާ ކަމަށާއި، މިއީ އަނިޔާވެރިކަމުގެ ސިފައެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް އީސީން ނިންމާފައިވަނީ މާދަމާއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް