އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ މުވައްޒަފަކު ހައްޔަރުކޮށް، މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައަކީ ޖޫން 1 ވަނަ ދުވަހު ފުލުހުންގެ އިދާރާއަށް ހުށަހެޅުނު މައްސަލައެކެވެ. މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ އިދާރާއިން ބުނި ގޮތުގައި، ހައްޔަރުކުރި ދުވަހުން ފެށިގެން އޭނާ ވަނީ މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ މައްސަލަތަކެކެވެ. އެގޮތުން މި މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު