ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަށް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ފަސް މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދެ ބިދޭސީންނާއި ތިން ދިވެހިންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އެވެ. މީގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ ލ. ގަން، މުކުރިމަގު، ފޭރުގަސްދޮށުގެ، އަޙްމަދު އަފްރާޙް (33އ) އާއި، މާލޭގެ ދެމީހުން ކަމަށްވާ ހ. ކަހަފަތި، އިލްޔާސް އަޙްމަދު (42އ) އަދި ގ. ހޭޅި، ޙަސަން ޝަމްޢޫން (36އ) އެވެ.

މި ފަސް މީހުންނަކީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި ޖޫން މަހުގެ ނުވަ ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ބައެކެވެ. ކަސްޓަމްސްއިން އެ މީހުން ހިފެހެއްޓިއިރު، އެ މީހުންގެ އަތުން އަށް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ފަސް މީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު