ރައީސް ނަޝީދު
ރައީސް ނަޝީދު
ސީދާ ހަރަކާތަށް ނުކުމެ މާލޭގައި ހުރި ސަރުކާރު ކުންފުނިތަކުގެ މައި އޮފީސްތައް އޮކިއުޕައި ކުރާނެ ކަމަށް ބުނެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ސަރުކާރު ކުންފުނިތަކުން ވަޒީފާ ވަކިކުރި ފަރާތްތަކުގެ ދިފާޢުގައި ރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެފަރާތްތަކާ ދޭތެރޭ އަމަލުކުރަނީ ބޭއިންސާފުން ކަމަށާއި، މި މައްސަލަތައް މާދަމާގެ ނިޔަލަށް ހައްލުކޮށްދޭން ޖެހޭނެ ކަމަށެވެ.

​މާލޭ އާޓިފިޝަލް ބީޗުގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވަމުން ނަޝީދު ވަނީ، އެ މައްސަލަތައް ހައްލު ނުކޮށްފިނަމަ، ސީދާ ހަރަކާތަށް ނުކުމެ މާލޭގައި ހުރި ސަރުކާރު ކުންފުނިތަކުގެ މައި އޮފީސްތައް އޮކިއުޕައިކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ މިނިވަންކަމުގެ ހައްގުގައި އެމްޑީޕީގެ އާންމު މެންބަރުން އަބަދުވެސް ތިބޭނީ ގަދަފަދަކޮށް، ކޮންމެ ހާލަތަކާ ކުރިމަތިލާން ތައްޔާރަށެވެ. އަދި ​މި އިންތިޚާބީ ކާމިޔާބީއާއެކު، އެމްޑީޕީއަކީ އަލުން އަނބުރާ އާންމު މެންބަރުންގެ ޕާޓީއަކަށް ހަދައިފި ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.

އެމްޑީޕީއަކީ ވަކި މީހެއްގެ މިލްކެއް ނޫން ކަމަށާއި، ޕާޓީގެ ހުރިހާ މެންބަރުންގެ ބައިވެރިވުމާއެކު ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމާ ވާދަކުރައްވައި، ނަޝީދު މި އިންތިޚާބު ކާމިޔާބު ކުރެއްވީ ގާތްގަނޑަކަށް 68 އިންސައްތަ ވޯޓުންނެވެ.



ކިޔުންތެރިންގެ ހިޔާލު