ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު މިރޭ ފެށި އެކްސްޕޯގެ ތެރެއިން
ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު މިރޭ ފެށި އެކްސްޕޯގެ ތެރެއިން
ދިވެހިރާއްޖޭގެ އިޤުތިޞާދު އައު ހަރުފަތަކަށް ގެންދެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވަނީ ވަރަށް ދުރުވިސްނުންތެރި، ހަރުދަނާ ތަސައްވުރެއް ކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކޮށް، އައު ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.

"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޤައުމުގެ އިޤުތިޞާދީ ހާލަތު ބަދަލުކޮށް، ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވަނީ ދުރާލާ ރޭވިފައިވާ ސްޓްރެޓީޖިކް ސިޔާސަތުތަކެކެވެ. އެގޮތުން، ރާއްޖޭގައި ޒަމާނުއްސުރެ އޮތް ސަގާފީ ވިޔަފާރިތަކުގެ އިތުރުން، ޑިޖިޓަލް އިޤުތިޞާދާއި މާލީ ދާއިރާ އިތުރަށް ފުޅާކޮށް، ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ ޙިއްޞާ އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަމަށް ވަޒީރު ބަޔާންކުރެއްވިއެވެ.

މި ތަސައްވުރު ހަޤީޤަތަކަށް ހެއްދެވުމުގެ ގޮތުން، އިޤުތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް މިހާރުވެސް ބާރުދުވެލީގައި ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި ރައީސްގެ މި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އިޤުތިޞާދަށް އިންޤިލާބީ ބަދަލުތަކެއް އައިސް، ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.

ސަރުކާރުގެ އިޤުތިޞާދީ ލަނޑުދަނޑިތަކުގެ ތެރޭގައި ޑިޖިޓަލް އިޤުތިޞާދަށް ބޮޑު އިސްކަމެއް ދީފައިވާއިރު، 2030 ވަނަ އަހަރާ ހަމައަށްދާއިރު ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 15 އިންސައްތައަކީ ޑިޖިޓަލް އިޤުތިޞާދުގެ ޙިއްޞާ ކަމުގައި ހެދުމަކީ މައިގަނޑު އެއް އަމާޒެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ބައިނަލްއަޤްވާމީ މާލީ ޚިދުމަތްތަކާއި، އޮންލައިން ޕޭމަންޓް ނިޒާމުތައް ރާއްޖެއަށް ތަޢާރަފުކޮށް، އީ-ކޮމާސް އާއި އީޖާދީ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކުރުމުގެ މަސައްކަތް އިޤުތިޞާދީ ވުޒާރާއިން މެދުކެނޑުމެއްނެތި ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދިވެހިރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ލިބިފައިވާ، ވާދަވެރި ވިޔަފާރި މާހައުލަކަށް ހެދުމަށާއި، 'ކްރިއޭޓިވް އިކޮނޮމީ' ނުވަތަ އީޖާދީ އިޤުތިޞާދެއްގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ދިވެހި އުފެއްދުންތެރިންނަށް ފަހި ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ އިޤުތިޞާދީ ތަސައްވުރުގެ މުހިންމު ތަނބެއްކަން ވަޒީރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް