ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ލޯކަލް ކައުންސިލް އިންތިހާބަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމުގެ ކަންކަން އިސްލާހުކުރެއްވުމަށް ކުރައްވަމުން ގެންދަވާ އިހްލާސްތެރި މަސައްކަތްޕުޅުތަކަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްކަން ހާމަވެއްޖެކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ވެރިކަންކުރާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް ކާމިޔާބުކުރެއްވުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، މި އިންތިހާބުގެ ނަތީޖާއަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރާކަމުގެ ވަރުގަދަ ހެއްކެކެވެ. އަދި 2028 ވަނަ އަހަރާ ބައްދަލުކުރާނީ ރައްޔިތުންގެ ލޯތްބާއި ރުހުން ހޯދައިގެންކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މި އިންތިހާބުގައި ސުހާ އިބްރާހީމް ވާދަކުރެއްވީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދާ ދެކޮޅަށެވެ. 529 ވޯޓު ހޯއްދަވައިގެން ސުހާ މި އިންތިހާބު ކާމިޔާބުކުރެއްވިއިރު، ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓެވެ. މި ކާމިޔާބީއާއެކު ދ. މީދޫ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު މިހާރު ވަނީ ޕީއެންސީއަށް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު