ރައީސް ޑރ. މުހައްމަދު މުޢިއްޒު
ރައީސް ޑރ. މުހައްމަދު މުޢިއްޒު
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ތަސްދީގުނުކުރައްވައި ފޮނުވާލީ ގައިދީންނަކީ ފުރިހަމަ ރުހުމުގައި ގުނަވަން ހަދިޔާކުރާނެ ބައެއް ކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިލައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ރައީސް ފޮނުއްވި ސިޓީފުޅުގައި ވަނީ، ބިލު ފާސްކުރިއިރު ގުނަވަން ހަދިޔާކުރާ މީހުންގެ ޝަރުތުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން، ގުނަވަން ހަދިޔާކުރާ މީހަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމުގައި ނުވުމާއި، ކުށުގެ ތުހުމަތެއްގައި ނުވަތަ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން، މި ދެ ޝަރުތު މަޖިލީހުން އުނިކޮށްފައިވާތީ ރައީސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ޝަރުތުތަކަކީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ގުނަވަން ހަދިޔާކުރުން ކަށަވަރުކުރުމަށްޓަކައި ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ވެސް އަމަލުކުރާ އުސޫލުތަކެކެވެ. ބަންދުގައި ތިބޭ މީހުންނަކީ އެމީހުންގެ އަމިއްލަ މިނިވަންކަން ގައިދުވެފައިވާ ބަޔަކަށް ވާތީ، އެފަދަ ހާލަތެއްގައި ހުރެ ދޭ ރުހުމަކީ އެއްވެސް ނުފޫޒެއް ނެތި ދޭ ފުރިހަމަ ރުހުމެއް ކަމަށް ބެލުމަކީ ދަތި ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބޭރުގެ ގައުމުތަކުގައި ވެސް ގުނަވަން ހަދިޔާކުރުމުގެ ކަންކަން ކުރަނީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކޮށް، ހަރުދަނާ ނިޒާމެއްގެ ދަށުންކަން ރައީސްގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން، ބަންދުގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު ދޭ ނަމަ، އެކަމާ ގުޅޭ އިތުރު ރައްކާތެރި އުސޫލުތަކެއް ކަނޑައެޅުމަކީ ގާނޫނު އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މަޖިލީހުން ފާސްކުރި މި ބިލުގައި ގުނަވަނެއް ވިއްކައިފި ނަމަ އެކަމަށް އަދަބު ދެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ގައިދީންގެ ރުހުމާ ގުޅޭ ގޮތުން ހުރި މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި، ބިލު އިތުރަށް މުރާޖައާކުރުމަށް ރައީސް ވަނީ މަޖިލީހަށް އިލްތިމާސްކުރައްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު