ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް, ފޮޓޯ: ސަންގު
ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް, ފޮޓޯ: ސަންގު
ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވަޒީފާ ބުރާސްފަތި" އިހުތިޖާޖަށް ފުލުހުން ހުރަސްނާޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ، މިރޭގެ ހިނގާލުން ކުރިއަށް ގެންދާނެ މަގުތަކާ މެދު ފުލުހުންނާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެގޮތުން އަމީނީ މަގު ހިމެނޭހެން ޕާޓީން އެދުނު މަގުތަކުގައި އިހުތިޖާޖު ކުރިއަށް ގެންދިއުމުގެ ހުއްދަ ލިބިފައިވާ ކަމަށާއި، މަގުތައް ބަންދުކުރުމާއި ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުންގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

މީގެ ކުރިން ބައެއް މުޒާހަރާތަކަށް ފުލުހުން ހުރަސްއަޅާފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އަމީން ވިދާޅުވީ، މިރޭގެ ހަރަކާތް ހުއްޓުވުމަށް ފުލުހުން މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އަމަލުކުރާނީ އެއްބަސްވެފައިވާ މަގުތަކުގައި ކަމަށާއި، "ގްރީން ޒޯން" ނުވަތަ މަނާ ސަރަހައްދުތަކަށް ވަނުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިރޭ 8:30 ގައި ރަސްފަންނު ސަރަހައްދުން ފަށާ މި އިހުތިޖާޖަކީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑް ކުރުމާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ހަރަކާތެކެވެ.

މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ. މިއީ ސުލްހަވެރި ހަރަކާތެއްކަން ފާހަގަކޮށް، ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަށް އެމްޑީޕީން ވަނީ ދައުވަތު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު