ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތުގެ ބިންގާ އެޅުއްވުމުގައި އަގުނުކުރެވޭފަދަ ބޮޑު ޚިދުމަތްތަކެއް ކުރެއްވި، ރާއްޖެ ދުށް އެންމެ ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިޔާ މއ. ތޮއިބާ، ފަޟީލަތުއްޝައިޚް މުޙައްމަދު އިސްމާޢީލް ރޭ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

ޝައިޚް މުޙައްމަދު އިސްމާޢީލަކީ ސައުދީ އަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަތީ ތަޢުލީމު ހާސިލުކުރައްވައިގެން ގްރެޖުއޭޓްވި ފުރަތަމަ ދިވެހި ދަރިވަރެވެ. ރާއްޖޭގައި މިހާރު ތިއްބެވި ފާހަގަކޮށްލެވޭ ގިނަ ދީނީ ޢިލްމުވެރިންނަކީ ޝައިޚްގެ ސީދާ އެހީތެރިކަމާއި އިރުޝާދުގެ ދަށުން ތަޢުލީމު ހާސިލުކުރެއްވި ބޭފުޅުންނެވެ.

ރައީސް ނާޞިރުގެ ވެރިކަމުގައި ފަނޑިޔާރުކަން ކުރެއްވި ޝައިޚްގެ އަމިއްލަފުޅު "ތޮއިބާ ސުކޫލް" އަސާސެއް ނެތް ތުހުމަތުތަކެއްގައި ދައުލަތުން ބަންދުކޮށް، ފަހުން އެމަނިކުފާނުގެ އަމިއްލަ ބިންވެސް ދައުލަތަށް ނަގާފައިވާއިރު، މިހާރުގެ ތޮއިބާ މިސްކިތް ބިނާކޮށްފައިވަނީ އެ ހިތްދަތި ތަޖުރިބާތަކާ ގުޅިފައިވާ އެ ބިމުގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ޝައިޚް މުޙައްމަދު އިސްމާޢީލްގެ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.



ކިޔުންތެރިންގެ ހިޔާލު